ރާއްޖޭގެ އެތެރޭގެ ވިޔަފާރިއާއި މާލީ މުއާމަލާތްތަކުގައި ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރުން ލާޒިމުކޮށް، އިގުތިސޯދީ މައިގަނޑު މެކްރޯ އަސާސްތައް ހިފެހެއްޓިއްޖެ ނަމަ، ޑޮލަރުގެ ދަތިކަމަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރުމުގެ ސިޔާސަތު (ޑީ-ޑޮލަރައިޒޭޝަން) ކާމިޔާބު ކުރެވޭނީ އިގުތިސޯދީ ފަންޑަމެންޓަލްސް ނުވަތަ މެކްރޯ އަސާސްތައް ހަމަމަގުގައި ހިފެހެއްޓިގެން ކަމަށެވެ.

"އެހެން މެކްރޯ އިގުތިސާދީ އަސާސްތައް ހިފެހެއްޓިފައިވާ ނަމަ، ހަމައެކަނި ދިވެހި ރުފިޔާ ބޭނުންކުރަން ފަށައި، އެކަން ތަންފީޒުކުރެވިއްޖެ ނަމަ، މި މައްސަލަ ހައްލުކުރެވިދާނެ،" މުނައްވަރު ވިދާޅުވިއެވެ.

ނަމަވެސް އެކަން ކުރާނެ ގޮތުގެ ތަފުސީލެއް މުނަވައްވަރު ހާމައެއް ނުކުރައްވައެވެ.

މުނައްވަރު އެގޮތަށް ވިދާޅުވީ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ދެއްކެވި ވާހަކަތަކަކާ ގުޅުވައިގެންނެވެ. ހާޝިމް ވިދާޅުވީ ޑޮލަރުގެ އަގުބޮޑުވާ މައްސަލަ ހައްލުކުރެވެން އޮތީ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް ފަސްނުޖެހި އަޅައިގެން ކަމަށެވެ.