ބޭރު ފައިސާގެ މައްސަލަތައް ހައްލު ކުރުމަށް ގެންނަ ބަދަލުތަކުގެ ބޭނުމަކީ އެންމެނަށްވެސް ފަސޭހަ ކުރުން ކަމަށް ގަވަރުނަރު ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ޑޮލަރުގެ މައްސަލައާ ގުޅިގެން އިދާރާތަކުން ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ، ގާނޫނަށް އިސްލާހު ހުށަހެޅި އިރު، ދަތިވާ ފަރާތްތަކަށް އިތުރު ލުއިތަކެއް ދިނުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ގާނޫނު ފާސްވެގެންދާ އިރު، އެ ލިބެންޖެހޭ ލުއިތައް އެފަރާތްތަކަށް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަދި އިތުރަށް މި ގެންނަ ބަދަލުތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާނަމަ އަޅުގަނޑުމެން ލުއިތަކެއް ދޭނަން،" މުނައްވަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތުގެ ދަށުން ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ކުރެވިގެން ދިއުން ކަމަށެވެ.

"ހަގީގަތަކީ މި ބަދަލަކީ މީގެ 40 އަހަރު ކުރިން ގެންނަން ޖެހޭ ބަދަލެއް. މިއަދު މި ބަދަލު ނުގެނެވި އޮތުމުގެ ސަބަބުން ހަގީގަތުގައި މީގެ ދަތިތަކެއް ދިމާވެގެން މިދަނީ،" ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ މިފަދަ ބަދަލުތައް ގެންނާނީ ޕެކޭޖްތަކެއްގެ ގޮތުގައި ކަމަށާއި އެގޮތުން މަޖިލީހާއި އިދިކޮޅު ފަރާތްތަކާ ވެސް ގުޅިގެން ކަމަށެވެ.