ދައުލަތުގެ ރިކަރަންޓް ހަރަދުތައް ކަނޑައެޅިފައިވާ މިންވަރުގައި ހިފެހެއްޓުމަށް، މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ލަފާދީފިއެވެ.

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ 59.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން، ބަޖެޓް ދިރާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އާމްދަނީ އިތުރުކުރުމާއި ހަރަދުތައް ހަމަޖެއްސުމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ގަަވަރުނަރު ވަނީ ފާހަގަކުރައްވައިފައެވެ.

އަންނަ އަހަރުގެ ބަޖެޓަކީ، 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓަކަށްވުމުން މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖީޑީޕީގެ ހަތް އިންސައްތައެވެ.

އެހެންކަމުން ބަޖެޓަށް މަރުކަޒީ ބޭންކުން ދިން ލަފާގައި ވަނީ، ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ރިކަރަންޓް ހަރަދު އިތުރުވާ މިންވަރު، އާމްދަނީ އިތުރުވާ މިންވަރަށްވުރެ ދަށުގައި ބެހެއްޓުމަކީ ލާޒިމު ކަމެއް ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ފަސް އިންސައްތައަށް ދަށްކުރުމަށް ކަނޑައަޅާފައިވާ މެދުރާސްތާގެ އަމާޒު ހާސިލުކުރުމަށް ދައުލަތުގެ ހަރަދު ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުތައް އަވަހަށް ތަންފީޒު ކުރަންޖެހޭ ކަމަށެވެ.

އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށް އާ ފިޔަވަޅުތަކެއް ރޭވިފައިނުވާތީ، މިހާރު ހުރި ސިޔާސަތުތައް ތަންފީޒު ކުރުމާއި، ރެވެނިއު އެޑްމިނިސްޓްރޭޝަން ހަރުދަނާ ކުރުމަށް ގާނޫނީ އަވަސް އިސްލާހުތައް ގެނައުމަށްވެސް ވަނީ އެދިފައެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ މިހާރަށްވުރެ އިތުރުކުރެވިދާނެ ކަމަށް ފާހަގަކުރެއްވިއެވެ.