ސްޓެލްކޯގެ ސާވިސް އިންޖިނިއާ ގްރޭޑްގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފަކު، ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން، ސްޓެލްކޯއާ އެއްކޮށް ނިންމައިފިއެވެ.

މި މައްސަލައަކީ 04 އެޕްރީލް 1994 ން ފެށިގެން ސްޓެލްކޯގައި ވަޒީފާ އަދާކުރަމުން ދިޔަ، ސާވިސް އިންޖިނިއާ ގްރޭޑްގެ ވަޒީފާ އަދާކުރި، އިބްރާހީމް ޝިޔާމް ކިޔާ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލައެކެވެ. ސްޓެލްކޯގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު، ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުންނެވެ.

ސްޓެލްކޯއިން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ 01:00 ހާއިރު، ސްޓެލްކޯގެ ސަރަހައްދަށް ތިމާވެއްޓާ ރައްޓެހި، އިއާދަކުރެވޭ ހަކަތަ ބޭނުންކުރާ (ބެޓަރީ) ސައިކަލުތަކެއް ވެއްދުމުގެ މަސައްކަތް ކުރަމުންދިޔަ ވަގުތު، ޝިޔާމް ހުއްދަ ނެތި ފޯނުން ފޮޓޯ ނެގި މައްސަލައެއްގައެވެ. ސްޓެލްކޯގެ ސެކިއުރިޓީ ކެމެރާ ފުޓޭޖުން ޝިޔާމް ބެޓަރީ ސައިކަލުތައް ހުރި ދިމާލަށް ފޯނު ދިއްކޮށްގެން ހުންނަ މަންޒަރު ފެންނަ ކަމަށާއި، ތަހުގީގަށް ހާމަވި ގޮތުގައި، އެކްސްގައި "APDBY" އަދި "Sn Runtse" ކިޔާ އެކައުންޓުތަކުން ސްޓެލްކޯގެ ތަސައްވަރަށް ހުތުރުވާ ގޮތަށް އެ ފޮޓޯ ހިއްސާ ކޮށްފައިވާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯގެ ސުލޫކީ ކޮމިޓީން މިދިޔަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ހެކިތަކަށް ރިއާޔަތްކޮށް، ބައިވެރިވި ފަސް މެންބަރުންގެ އިއްތިފާގުން ޝިޔާމް ވަޒީފާއިން ވަކިކުރުމަށް ނިންމިއެވެ. ވަޒީފާ ގެއްލިފައިވަނީ ކުންފުނީގެ ވިޔަފާރީ ސިއްރު ހިމާޔަތްނުކޮށް، ކުންފުނީގެ ތަސައްވަރަށް ގެއްލުންވާ ގޮތަށް ތިންވަނަ ފަރާތްތަކަށް ފޮޓޯ ދައުރުވުމުގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި ހޮންނަ ޖެހޭ ގާތްކަމާ، ވަޒީފާގެ ގުޅުމަށް ހިޔަނިވެ، ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެކަމަށް ގަބޫލުކުރެވިގެންނެވެ.

ވަޒީފާއިން ވަކިކުރުމުން ޝިޔާމް ވަނީ އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައެވެ. ޓްރައިބިއުނަށް ހުށަހެޅި މައްސަލައިގައި ޝިޔާމް ބުނެފައިވަނީ ވަޒީފާއިން ވަކިކޮށްފައިވަނީ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއް ދިނުމެއް ނެތި ކަމަށެވެ. އަދި އިލެކްޓްރިކް ސައިކަލުތަކަކީ ޓްރޭޑް ސީކްރެޓެއް ގޮތުގައި ބެލެވޭ ސަބަބެއް ނޭނގޭ ކަމަށާއި، ރާއްޖެ ގެނެސްފައިވާ ބެޓަރީ ސައިކަލުތަކެއްގެ ފޮޓޯ ނެގުމަކީ ޓްރޭޑް ސީކްރެޓް ބްރީޗެއްކަމަށް ގަބޫލު ނުކުރެވޭކަމަށް ޝިޔާމް ބުނެފައިވެއެވެ.

ޝިޔާމް ބުނެފައިވަނީ، 2024 ވަނަ އަހަރު ޗާޖިން ސްޓޭޝަންތައް ގާއިމުކުރުމުގެ ތެރޭގައި ސްޓެލްކޯގެ ތެރެއިންވެސް އިލެކްޓްރިކް ސައިކަލުގެ ވިޔަފާރި ކުރަން ވާހަކަ ދެކެވިފައިވާ ކަމަށާއި، ވީމާ ބެޓަރީ ސައިކަލުތަކުގެ ވިޔަފާރިއަކީ ސިއްރެއް ނޫން ކަމަށެވެ. ފޮޓޯ ސޯޝަލް މީޑިއާއަށް ދިޔައީ އޭނާގެ ސަބަބުން ނޫން ކަމަށާއި، ފޮޓޯ ފުރަތަމަ ދައުރުވީ ސްޓެލްކޯގެ ވައިބާ ގްރޫޕް ތެރޭގައިކަމަށް ޝިޔާމް ބުނެފައިވެއެވެ. ނަމަވެސް، ވައިބާ ގްރޫޕުގައި އެ ފޮޓޯ ދައުރުވިކަން ސާބިތުކޮށްދޭން ޝިޔާމްގެ ފަރާތުން ހެކި ހުށަހަޅާފައިނުވެއެވެ.

މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން މިދިޔަ އަންގާރަ ދުވަހު ނިންމި ނިންމުގައި ވަނީ ސްޓެލްކޯގެ ސެކިއުރިޓީ ކެމެރާ ފުޓޭޖް (އެގްޒިބިޓް 12) ގައި ޝިޔާމް ބެޓަރީ ސައިކަލުތައް ހުރި ދިމާލަށް ފޯނު ދިއްކޮށްގެން ހުންނަ މަންޒަރު ސާފުކޮށް ފެންނަ ކަމަށާއި، ޝިޔާމްވެސް ސީސީޓީވީ ފުޓޭޖުން ފެންނަ މަންޒަރަށް މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އިންކާރު ކޮށްފައިނުވާކަމަށް ޓްރައިބިއުނަލުން ބުންޏެވެ.

ޓްރައިބިއުނަލުން ވަނީ، ވަޒީފާގެ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ހާލަތްތަކަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓާއި ހައިކޯޓުން ނިންމާފައިވާ ގަޒިއްޔާތަކަށްވެސް ރިއާޔަތްކޮށް، ޝިޔާމް ވަޒީފާގެ ތެރެއިން ލިބިފައިވާ ފުރުސަތުގެ ބޭނުންކޮށް، ކުންފުނީގެ ތަސައްވަރަށް ގެއްލުންވާ ގޮތަށް ހިންގި ކަމަކީ ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުމުގައި ހިމެނޭ އިތުބާރާ އަމާނާތްތެރިކަން ގެއްލޭ ފަދަ، ފާޅުކަންބޮޑު ގައިރު ސުލޫކީ އަމަލެއްކަމަށް ކަނޑައަޅާފައެވެ.

ޓްރައިބިއުނަލުން ވަނީ ސްޓެލްކޯގެ ފަރާތުން ހުށަހެޅި ގޮތާ އެއްގޮތަށް ނިންމައި، ޝިޔާމް ވަޒީފާ އިން ވަކިކޮށްފައިވަނީ ވަޒީފާގެ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމެއް ނެތި ވަޒީފާ އިން ވަކިކުރުން ހުއްދަވާ ފަދަ ހާލަތެއްގައި، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން ސާބިތުވާކަމަށް ކަނޑައަޅައިފައެވެ.

ވަޒީފާއިން ވަކިކުރުމުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި ދައުވާގައި ޝިޔާމްގެ ފަރާތުން ވަނީ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 205,320 ރުފިޔާ ހޯދުމަށް އެދިފައެވެ.

އަދި ކުއްލިއަކަށް ވަޒީފާ ގެއްލުމުގެ ސަބަބުން އިތުރު ވަޒީފާއެއް ހޯދަންވީކަން ނޭނގި ހުންނަ ޖެހުމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 51,330 ރުފިޔާ ހޯދުމަށްވެސް އޭނާ ވަނީ އެދިފައެވެ. އަދި އިތުރަށް ދޭންޖެހޭ ކޮންމެ މުސާރައަކާ އެކު، 177,110 ރުފިޔާގެ އަހަރީ ޗުއްޓީ ފައިސާ ހޯދުމަށްވެސް ޝިޔާމް އެދުނެވެ. މީގެ އިތުރުން ވަޒީފާގެ ކުރިއެރުމާ، މުސާރައިގެ ކުރިއެރުމާ އެކު ވަޒީފާ ހޯދައިދިނުމަށްވެސް ޝިޔާމްގެ ފަރާތުން ވަނީ އެދިފައެވެ.

ނަމަވެސް، ޓްރައިބިއުނަލުން ވަނީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ހޯދަން ދައުވާ ކޮށްފައިވާ ފައިސާގެ ތަފްސީލެއް ނުވަތަ ހިސާބު ކުރި ގޮތެއް ހުށަހަޅާފައި ނެތް ކަމަށާއި، ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާކަން ސާބިތުކޮށްދޭ ހެއްކެއްވެސް ހުށަހަޅާފައި ނެތްކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ފައިސާ ނަގައިދިނުމަށް އަމުރު ކުރެވޭ ހާލަތެއް ނެތްކަމަށް ނިންމާފައެވެ.

އެއާއެކު، ވަޒީފާގެ ކުރިއެރުމާ، މުސާރައިގެ ކުރިއެރުމާ އެކު ވަޒީފާ ހޯދައިދިނުމަށްވެސް ލާޒިމު ކުރެވޭ ހާލަތެއް ނެތްކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވެއެވެ. ނަމަވެސް ޝިޔާމް ވަޒީފާއިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާތީ އޭނާއަށް އެއް މަހުގެ މުސާރައަށްވާ 17،110 ރުފިޔާ ސްޓެލްކޯއިން 15 ދުވަހުގެ ތެރޭގައި ދޭންޖެހޭނެކަމަށް ޓްރައިބިއުނަލުން ނިންމިއެވެ.

މި މައްސަލައިގައި ސްޓެލްކޯއިން ވަނީ ވަކީލު ފީ ޝިޔާމްގެ އަތުން ނަގައިދިނުމަށް އެދިފައެވެ. ނަމަވެސް ޓްރައިބިއުނަލުން ވަނީ ވަކީލު ފީ ނަގައިދެވެން ނެތްކަމަށް ނިންމައިފައެވެ. ޓްރައިބިއުނަލްގެ ނިންމުގައި ވަނީ އެކަމާ ގުޅޭ އެއްވެސް ލިޔުމެއް ނުވަތަ ހެއްކެއް ހުށަހަޅާފައިނުވާ ކަމަށެވެ.