ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް އިސްލާމްދީން ގަބޫލުކޮށްފައިވާ ކަމަށް ބުނެ ފެތުރު ވާހަކަތަކަށް އޭނާ ޖަވާބުދީފިއެވެ.
އެވާހަކަތައް އެންމެ ފުރަތަމަ ދައްކާފައި ވަނީ ތުރުކީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އަލީ ޝާހިން ވިދާޅުވި ގޮތުގައި، ކާލޯސް އިސްލާމްވިކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ ބްރެޒިލްގެ ސައޮ ޕައޮލޯގައި އެ ގައުމުގެ މުސްލިމް މުޖުތަމައުގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ ސްޕެއިންގެ ފުޓުބޯޅަ އޭޖެންޓެއް ކަމަށްވާ ސުހައިލާ އައްތާހިރީއާ ކާލޯސް ދާދި ފަހުން ކައިވެނިކޮށްފައިވާ އިރު، ހަބަރުތައް ބުނީ އޭނާ އިސްލާމް ދީން ގަބޫލުކުރަން ނިންމީ އަންހެނުންގެ ސަބަބުން ކަމަށެވެ.
މީޑިއާގައި ފެތުރުނު އެވާހަކަތަކާ ގުޅިގެން ވާހަކަ ދައްކަމުން ކާލޯސް ބުނީ އިސްލާމް ދީނަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށާއި، އަންހެނުން ނަމާދުކުރާތަން ފެނުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފެތުރުނު ވާހަކަތަކަކީ ތެދެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ކާލޯސް ބުނީ ކައިވެނި ހަފުލާވެސް ބޭއްވީ އަންހެނުންނާއި އޭނާގެ އާއިލާއަށްވެސް ހިތްހަމަ ޖެހޭނެ ކަހަލަ ގޮތަކަށް ބަލައިގެން ކަމަށެވެ.
ބްރެޒިލާއެކު ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައިވާ ކާލޯސްއަކީ ތާރީހު ދުށް އެންމެ މޮޅު އެއް ސައިޑް ބެކެވެ. އޭނާގެ ހިލޭ ޖެހުންތަކަށް ހާއްސަ ސަމާލުކަމެއްވެސް ލިބިގެން ގޮސްފައިވާ އިރު، އުމުރުން 53 އަހަރުގައި އޭނާ މިވަގުތު ފުޓުބޯޅައިގެ ރަސްމީ ހަރަކާތްތަކުން ފެންނަނީ މަދުންނެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ކޮމެންޓް