މެދުކެނޑުމަކަށްފަހު މިއަހަރު ސީޒަނުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ކުޅުނު ކަޕް ވިނާސް ކަޕް މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާއާއި ނިއު ރޭޑިއަންޓް ވާދަކުރި ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ނިމުނު އިރުވެސް މެޗު އޮތީ 2-2 އިން އެއްވަރުވެފައެވެ. އެއަށްފަހު ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާޒިޔާއިން ތަށި ހޯދީ 4-2 އިން މޮޅުވެގެންނެވެ.
މިއީ 18 އަހަރުގެ މެދުކެނޑުމަކަށްފަހު ކަޕް ވިނާސް ކަޕް ސީޒަނުގައި ކުޅެމުންދާ ފުރަތަމަ ފަހަރެވެ. ކަޕް ވިނާސް ކަޕަކީ އެކި ފަހަރު މަތިން ދިވެހި ފުޓުބޯޅައިން ފެނިގެންދާ ޝަރަފުވެރި މުބާރާތެކެވެ. އެ މުބާރާތް އަމާޒުކޮށްފައި އޮތީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އަދި ޕޮމިސް ކަޕްގެ ޗެމްޕިއަނުންނަށެވެ.
މިދިޔަ ސީޒަނުގެ ތިން މުބާރާތްވެސް ތިން ޓީމަކުން ކާމިޔާބުކުރި އިރު، ކަޕް ވިނާސް ކަޕްގައި ވާދަކުރީ ލީގު ޗެމްޕިއަން މާޒިޔާ، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ އިތުރުން އަނެއް ދެ މުބާރާތުގެ ސެމީ ފައިނަލަށްވެސް ދިޔަ ބުރު ސްޕޯޓްސް ކްލަބެވެ.
މިފަހަކަށް އައިސް ރާއްޖެ ދުށް އެންމެ ކާމިޔާބު ކްލަބު މާޒިޔާއިން މުޅިން އަލަށް ކަޕް ވިނާސް ކަޕް ކާމިޔާބުކުރި އިރު، ނިއު ރޭޑިއަންޓުން ވަނީ ހަތަރު ފަހަރު އެ މުބާރާތް ކާމިޔާބު ކޮށްފައެވެ. މިރޭގެ މެޗަށް ނުކުތް އިރު ނިއު ރޭޑިއަންޓަކީ އޭގެ ކުރިން 2008 ވަނަ އަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމުވެސް މެއެވެ.
މެޗު ފެށިގެން ހަތަރު ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލީޑު ނަގައިފައެވެ. ކައުންޓާ އެޓޭކެއްގައި ހޯދި ފުރުސަތުން އެޓީމަށް ލީޑު ނަގައިދިނީ މުހައްމަދު އިލާން އިމްރާނެވެ. ޒުވާން ތަރި އިލާން ގޯލް ޖަހައިދިނީ އަރިމަތިން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ތިރިން ދުއްވާލި ބޯޅަ ކޮންޓްރޯލް ކޮށްލާފައި، މަޑުމަޑުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެ ފަހުން 16 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓް މެޗު އެއްވަރުކުރީ އަލީ ފާސިރު (ސެންޓޭ) ޖަހައިދިން ހިތްގައިމު ގޯލުންނެވެ. މެދުތެރެއިން އަބްދުލާއީ ބިލިޓީ އެނބުރިލާފައި ދުއްވާލި ބޯޅަ، ސެންޓޭ މަތިމަތިން ގޯލަށް ވައްދާލީ ކީޕަރު ހުސައިން ޝަރީފް ބޯމަތިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިތުރު ދެ ގޯލް ފެނުނެވެ. މާޒިޔާއިން 28 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ލީޑު ނެގި އިރު، އަހުމަދު އައިހަމް (ފަތޯ) އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއު ރޭޑިއަންޓް ކުޅުންތެރިޔާ ފައިގައި ޖެހިފައެވެ. އަދި އޭގެ ފަހުން އަނެއްކާވެސް ސެންޓޭ ގޯލް ޖަހައި، ނިއު ރޭޑިއަންޓް އެއްވަރުކުރިއެވެ. ގުއިލާމޯ ލުއިސް ގޮމޭޒް ޑަ ސިލްވާ ދުއްވާލި ތުރޫ ބޯޅަ ސެންޓޭ ފޮނުވާލި އިރު، އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މާޒިޔާ ކީޕަރު ހުސައިން އަތުގައި ޖެހިފައެވެ.
ދެވަނަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، މާޒިޔާގެ ހުރިހާ ކުޅުންތެރިންވެސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އަދި ނިއު ރޭޑިއަންޓަށް ނާކާމިޔާބުވީ ޑޮރިއެލްޓަން ގޮމޭޒް ނަސިމެންޓޯ (ޑޯރީ)ގެ އިތުރުން މޫސާ ޔާމީން (ޔާމްބެ) އަތުންނެވެ.
މުޙައްމަދު ޝަމްޢޫން
ކަޕް ވިނާސް ކަޕް
ކަޕް ވިނާސް ކަޕް
ކަޕް ވިނާސް ކަޕް
ކަޕް ވިނާސް ކަޕް
ކޮމެންޓް