މެދުކެނޑުމަކަށްފަހު މިއަހަރު ސީޒަނުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ކުޅެމުންދާ ކަޕް ވިނާސް ކަޕްގެ ތިންވަނަ އޮޑި ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކްލަބުގެ މައްޗަށް އޮޑިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މިއީ 18 އަހަރުގެ މެދުކެނޑުމަކަށްފަހު ކަޕް ވިނާސް ކަޕް ސީޒަނުގައި ކުޅެމުންދާ ފުރަތަމަ ފަހަރެވެ. ކަޕް ވިނާސް ކަޕަކީ އެކި ފަހަރު މަތިން ދިވެހި ފުޓުބޯޅައިން ފެނިގެންދާ ޝަރަފުވެރި މުބާރާތެކެވެ. އެ މުބާރާތް އަމާޒުކޮށްފައި އޮތީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އަދި ޕޮމިސް ކަޕްގެ ޗެމްޕިއަނުންނަށެވެ.

މިދިޔަ ސީޒަނުގެ ތިން މުބާރާތްވެސް ތިން ޓީމަކުން ކާމިޔާބުކުރި އިރު، ކަޕް ވިނާސް ކަޕްގައި ވާދަކުރީ ލީގު ޗެމްޕިއަން މާޒިޔާ، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ އިތުރުން އަނެއް ދެ މުބާރާތުގެ ސެމީ ފައިނަލަށްވެސް ދިޔަ ބުރު ސްޕޯޓްސް ކްލަބެވެ.

ލީގު ބުރުގެ ފަހު ދެމެޗާ ހަމައަށް އައިއިރު މާޒިޔާއާއި ނިއު ރޭޑިއަންޓް އޮތީ ފައިނަލް ޔަގީން ކޮށްފައެވެ. އަނެއް ދެޓީމު މިއަދު ކުޅުނު މެޗުގައި އޮޑިން ލީޑު ނެގީ ދެވަނަ މިނެޓުގައެވެ. މުޒަދާން ހަސަންގެ އެ ގޯލުން އޮޑި ލީޑު ނެގިއިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ފުޅާކޮށްދިނީވެސް އޭނާއެވެ.

ކަޕް ވިނާސް ކަޕްގައި ދެން ބާކީ އޮތީ ދެ މެޗެވެ. އެއީ، މާދަމާ ރޭ ނިއުއާއި މާޒިޔާއިން ކުޅޭ ލީގު ބުރުގެ ފަހު މެޗާއި ހަމަ އެ ދެޓީމުން އަންނަ ބުދަ ދުވަހުގެރޭ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗެވެ.