މެދުކެނޑުމަކަށްފަހު މިއަހަރު ސީޒަނުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި ކުޅެމުންދާ ކަޕް ވިނާސް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކްލަބުން ލީގު ބުރުގައި ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
މިއީ 18 އަހަރުގެ މެދުކެނޑުމަކަށްފަހު ކަޕް ވިނާސް ކަޕް ސީޒަނުގައި ކުޅެމުންދާ ފުރަތަމަ ފަހަރެވެ. ކަޕް ވިނާސް ކަޕަކީ އެކި ފަހަރު މަތިން ދިވެހި ފުޓުބޯޅައިން ފެނިގެންދާ ޝަރަފުވެރި މުބާރާތެކެވެ. އެ މުބާރާތް އަމާޒުކޮށްފައި އޮތީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އަދި ޕޮމިސް ކަޕްގެ ޗެމްޕިއަނުންނަށެވެ.
މިދިޔަ ސީޒަނުގެ ތިން މުބާރާތްވެސް ތިން ޓީމަކުން ކާމިޔާބުކުރި އިރު، ކަޕް ވިނާސް ކަޕްގައި ވާދަކުރީ ލީގު ޗެމްޕިއަން މާޒިޔާ، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ އިތުރުން އަނެއް ދެ މުބާރާތުގެ ސެމީ ފައިނަލަށްވެސް ދިޔަ ބުރު ސްޕޯޓްސް ކްލަބެވެ.
އޮޑިން މުބާރާތުގެ ތިންވަނަ ޔަގީން ކޮށްފައިވާ އިރު، އެންމެ ފަހު މެޗުތަކަށް ނުކުތްއިރުވެސް ފައިނަލް އޮތީ ޔަގީންވެފައެވެ. ފައިނަލް ޔަގީން ކޮށްފައި އޮތް ނިއު ރޭޑިއަންޓާއި މާޒިޔާއިން ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާ އިރު، ލީޑު ނެގީ މާޒިޔާއިންނެވެ. އެއީ 63 ވަނަ މިނެޓުގައެވެ. އެ ގޯލް ޖަހައިދިނީ ބެނިންގެ މިޑްފީލްޑަރު، ކޮޑްޖޯ ގޯމޭޒްއެވެ. ނާޝިއު އަހުމަދު ޝިހާމް އޭރިއާތެރެއަށް ވަދެ ނެގި ހުރަހަށް އަރައި ގޯމޭޒް ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފައެވެ.
ނިއުއިން ވަނީ އޭގެ 10 މިނެޓް ފަހުން މެޗު އެއްވަރުކޮށްފައެވެ. އެ ގޯލް ޖެހީ ބަދަލަކަށް ކުޅެން ނުކުތް އަހުމަދު ހުސާމް (ހުސާންކޮ) އެވެ. އެ ގޯލަކީ އީތަން އިބްރާހިމް ޒަކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ކަޕް ވިނާސް ކަޕްގެ ފައިނަލް އޮންނާނީ ބުދަ ދުވަހުގެ ރޭގައެވެ.
ކަޕް ވިނާސް ކަޕް
ކަޕް ވިނާސް ކަޕް
ކަޕް ވިނާސް ކަޕް
ކަޕް ވިނާސް ކަޕް
ކޮމެންޓް