ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބައިނަލްއަގުވާމީ ސަރަހައްދީ ގުރުއާން މުބާރާތެއް ބޭއްވުމަށް ސައުދީ އަރަބިއްޔާގެ އެހީތެރިކަން ހޯދުމުގެ މަޝްވަރާ ކޮށްފިއެވެ.
ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ހާއްސަ ދައުވަތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، އެ ގައުމުގެ އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް މިނިސްޓާ ޝައިހު ޑރ. އަބްދުލްލަތީފް ބިން އަބްދުލްއަޒީޒް އާލްޝައިހްއާ ވަނީ ބައްދަލުކުރައްވައިފައެވެ.
ޝަހީމު މިރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ ދީނީ ދާއިރާ ހަރުދަނާކޮށް އިސްލާމްދީން ކުރިއެރުވުމަށް ގިނަ މަޝްވަރާތަކެއް އެ ބައްދަލުވުމުގައި ކޮށްފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ކޮންމެ އަހަރަކު ސަރަހައްދީ ފެންވަރުގެ ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބޭއްވުމަށް ސައުދީގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ހަރަމްފުޅުގެ ހާދިމް، ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން، ރާއްޖެއާމެދު ބަހައްޓަވާ އަހުވަންތަ ގާތް ގުޅުމަށާއި، ވެދެއްވާ ދީލަތި އެހީތަކަށް އެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ސައުދީގެ އިސްލާމީ ވުޒާރާއިން ރާއްޖެއަށް ދެއްވާ އެއްބާރުލުން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ރާއްޖެއާއި ސައުދީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނު 17 މާރިޗު 1981 އިން ފެށިގެން، ސައުދީއަކީ ރާއްޖޭގެ ތަރައްގީއަށާއި ދީނީ ކަންކަމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ހައްޖާއި އުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ދިވެހިންނަށް ފަސޭހަކޮށްދިނުމުގައާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސައުދީ ސަރުކާރުން އަބަދުވެސް އިސް ސަފުގައި ދެމިއޮވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކޮމެންޓް