އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރާ ވާހަކަ ސަރުކާރުން ދޮގުކޮށްފިއެވެ.

ރާއްޖޭގެ ފޮއިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ބައެއް ނޫސްތަކާއި މީސްމީޑިއާގައި ޝާއިއުކޮށްފައިވާ ހަބަރުތަކަކީ ސައްހަ ނޫން ހަބަރުތަކެއްކަމަށެވެ.

މިގޮތުން، މާލެ ސިޓީ ނޫން އެހެން ރަށެއްގައި ބޭރު ގައުމެއްގެ ކޮންސުލޭޓެއް ގާއިމުކުރުމާމެދު ދިވެހި ސަރުކާރުން ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވާކަމަށް ވަނީ ބުނެފައެވެ. އަދި މިކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއްކަމަށް ވެސް ބުނެފއިވެއެވެ.

މިހެންކަމުން، ނޫސްތަކާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި، ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއްކަމަށް މި މިނިސްޓްރީން ބުނެފައިވެއެވެ.