ޓަމިލްނާޑޫގެ ސަރުކާރުގައި ވަޒީފާއަދާކުރާ އަންހެނުންނަށް ތިންވަނަ ދަރިފުޅު ލިބުމުން މުސާރައާއެކު ދޭ މެޓާނިޓީ ލީވް 365 ދުވަހަށް އިތުރުކުރަން، ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭގެ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާ ޓުޑޭއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުން އިއުލާންކުރީ ޓަމިލްނާޑޫގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އެ ސްޓޭޓްގެ ހިއުމަން ރިސޯސަސް މެނޭޖްމަންޓް މިނިސްޓަރު ޑީ. ޝަރަތުކުމާރެވެ.

މީގެ ކުރިން ޓަމިލްނާޑޫގައި ތިންވަނަ ދަރިފުޅު ލިބުމުން މެޓާނިޓީ ލީވްގެ ގޮތުގައި ލިބެނީ 12 ހަފުތާ ނުވަތަ 84 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު، ފުރަތަމަ ދެ ކުދިންނެކޭ އެއްފަދައިން ތިންވަނަ ކުއްޖާއަށް ވެސް މުސާރައާއެކު އެއް އަހަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

މިނިސްޓަރު ޝަރަތުކުމާރު ވިދާޅުވި ގޮތުގައި، ޗުއްޓީގެ މުއްދަތު އިތުރުކުރީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން އިސްކަންދޭތީއެވެ.

މީގެ އިތުރުން، ފާއިތުވި 15 އަހަރުގެ ތެރޭގައި ޓަމިލްނާޑޫ ސަރުކާރުން ވަނީ މެޓާނިޓީ ލީވްގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ދެމުން އައި 90 ދުވަހުގެ ޗުއްޓީ، 2011 ވަނަ އަހަރު ހަ މަސްދުވަހަށް އިތުރުކުރުމަށްފަހު، 2021 ވަނަ އަހަރު ވަނީ 365 ދުވަހަށް އިތުރުކޮށްފައެވެ.

މި ބަދަލު ގެނެސްފައިވަނީ ޓަމިލްނާޑޫގެ އާބާދީ އިތުރުވާ ނިސްބަތް ދަށްވެ، އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ސްޓޭޓްގެ ހެލްތު މިނިސްޓަރު ދާދި ފަހުން ވިދާޅުވެފައިވާ ގޮތުގައި، ޓަމިލްނާޑޫގެ ވިހާ ރޭޓް ވަނީ 1.4 އަށް ވުރެ ދަށަށް ގޮސްފައެވެ. މި ބަދަލަށް އަމަލުކުރަން ފެށުމަށްޓަކައި، ސަރުކާރުގެ ރަސްމީ އަމުރެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް އިންޑިއާ ޓުޑޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.