ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް އިސްލާމްދީން ގަބޫލުކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކެއް މީޑިއާތަކުގައި ފެތުރެން ފަށައިފިއެވެ.

މި ވާހަކަތައް އެންމެ ފުރަތަމަ ތިލަވެފައިވަނީ ތުރުކީގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ އަލީ ޝާހިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އަލީ ޝާހިން ވިދާޅުވި ގޮތުގައި، ކާލޯސް އިސްލާމްވިކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ ބްރެޒިލްގެ ސައޮ ޕައޮލޯގައި އެ ގައުމުގެ މުސްލިމް މުޖުތަމައުގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މިގޮތުން، ބްރެޒިލްގެ ނޭޝަނަލް އެސޯސިއޭޝަން އޮފް އިސްލާމިކް ޖޫރިސްޓްސް (އަނާޖީ) ގެ ނައިބު ރައީސް ޝެއިހް ޖިހާދު ހަމާދާއާ ހަވާލާދީ ޝާހިން ވިދާޅުވީ، މީގެ ހަތަރު ހަފުތާއެއްހާ ދުވަސް ކުރިން ކާލޯސް ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްދީން ގަބޫލުކޮށްފައިވާ ކަމަށެވެ.

މި ހަބަރުތައް ފެތުރިފައި މިވަނީ، މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ ސްޕެއިންގެ ފުޓުބޯޅަ އޭޖެންޓެއް ކަމަށްވާ ސުހައިލާ އައްތާހިރީއާ ކާލޯސް ދާދި ފަހުން ކައިވެނިކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ފުޓުބޯޅައިގެ ތާރީހުގައި އުފެދުނު އެންމެ މޮޅު އެއް ވާތްފަރާތު ޑިފެންޑަރުގެ ގޮތުގައި ބެލެވޭ ކާލޯސް ވަނީ ރެއާލް މެޑްރިޑްގެ އިތުރުން ތުރުކީގެ ފެނަބާޗޭއަށް ވެސް ކުޅެފައެވެ. ނަމަވެސް، އުމުރުން 53 އަހަރުގެ ކާލޯސް ނުވަތަ އޭނާގެ ރަސްމީ ފަރާތަކުން ވެސް މިކަމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެންކަމުން، ރަސްމީ ފަރާތަކުން ކަށަވަރުކޮށްދެންދެން މި ވާހަކަތަކަކީ އަދި ހަމައެކަނި ބްރެޒިލްގެ މުސްލިމް ޖަމިއްޔާތަކުގެ ބޭފުޅުންނާ ހަވާލާދީ ފަތުރަމުންދާ ޔަގީން ނުވާ މައުލޫމާތުތަކެއް ކަމަށް ބައިނަލްއަގުވާމީ ކުޅިވަރު ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.