ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކާއެކު ރަޝިއާއަށް ކުރާ ހާއްސަ ދަތުރުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެއެވެ.

އިއްޔެއިން ފެށިގެން މިމަހުގެ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ދަތުރުގައި ރަޝިއާގެ ވެރިރަށް މޮސްކޯ އަދި ވިޔަފާރީގެ މަރުކަޒު ސެއިންޓް ޕީޓާސްބާގް އަށް ޒިޔާރަތްކުރާނެއެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި މި ދަތުރުގެ މައިގަނޑު މަގުސަދަކީ ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ހަރުދަނާ ކުރުމެވެ.

މި ދަތުރުގައި ބައިވެރިވާ ރާއްޖޭގެ ޑެލިގޭޝަނުގައި ހިމެނެނީ ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، އެމްއޭސީއެލްގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަން އެވެ. މީގެ އިތުރުން ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ އެހެނިހެން ކުންފުނިތަކުގެ މަންދޫބުން ވެސް މި ދަތުރުގައި ބައިވެރިވެއެވެ. މި ދަތުރުގައި އެމްއޭސީއެލްގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ބައިވެރިވެވަޑައިގަންނަވައެވެ.

އެމްއޭސީއެލުން ބުނީ މި ދަތުރުގެ ތެރެއިން މޮސްކޯ އަދި ސެއިންޓް ޕީޓާސްބާގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ ރަޝިއާގެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން ވަރުގަދަކުރުމަށާއި، ރާއްޖެ އިޝްތިހާރުކޮށް ވިއްކާ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރެވޭނެ ގޮތްތަކުގެ މައްޗަށް ކަމަށް އެމްއޭސީއެލުން ބުންޞެވެ.

ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިރު، މި ދަތުރުގެ ބޭނުމަކީ އެ ގައުމުގައި ރާއްޖެއަށް އޮތް ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް މާކެޓު އިތުރަށް ފުޅާކުރުން ކަމަށް އެމްއޭސީއެލުން ބުންޞެވެ.

ވައިގެ ދަތުރުފަތުރު ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގައި، މިހާރު ދޭ ހިދުމަތްތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމަށާއި، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި މެދުކެނޑުމެއްނެތި ދަތުރުތައް ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރާނެ ކަމަށާއި އަދި ވީއައިއޭއަށް އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

މީގެ އިތުރުން، ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ބާއްވާ ބައްދަލުވުންތައް މެދުވެރިކޮށް، ތަރުހީބު އިތުރުވަމުންދާ ދާއިރާތައް ދެނެގަނެ، ޓްރެވަލް ޕެކޭޖުތައް މެދުވެރިކޮށް އެއާލައިންތަކުގެ ކެޕޭސިޓީއަށް އެއްބާރުލުން ދެވޭނެ ގޮތްތައް ހޯދާނެއެވެ.

އެމްއޭސީއެލް އިން ފާހަގަކުރި ގޮތުގައި، ރަޝިއާއަށް ކުރާ މި ދަތުރަކީ މިއަހަރުގެ ޖުލައި މަހު ރާއްޖޭގެ ޑެލިގޭޝަނަކުން ޗައިނާއަށް ކުރި ދަތުރެކޭ އެއްފަދައިން، ބައިނަލްއަގުވާމީ މުހިންމު މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރާ މަސައްކަތެކެވެ. އެ ކުންފުނީގެ އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާއެކު ސީދާ މަސައްކަތްކޮށް، ވީއައިއޭ އިން ދޭ ހިދުމަތްތައް އިތުރުކޮށް، ފަތުރުވެރިންނަށް ދަތުރުފަތުރުކުރުން ފަސޭހަކޮށްދިނުމެވެ.