އިނގިރޭސިވިލާތުގެ ކޯޓުތަކާއި ބޮޑެތި ރެސްޓޯރެންޓުތަކުގެ އިތުރުން ތިއޭޓަރުތަކުގައި މެޓާ ސްމާޓް އައިނު (މެޓާ ގްލާސް) ބޭނުންކުރުން މަނާކޮށްފިއެވެ. މިކަން ފެށިގެން އައީ ސިއްރުން މީހުންގެ ވީޑިއޯއާއި ފޮޓޯ ނަގާ ކަމުގެ ޝަކުވާތައް އިތުރުވުމާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކާ ބެހޭ އިދާރާ (އެޗްއެމްސީޓީއެސް) އިން ވަނީ ކޯޓުތަކަށް ވަންނައިރު މި އައިނު އަތުލާނެކަން ކަށަވަރުކޮށްދީފައެވެ.

“ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ އެތެރޭގައި ފޮޓޯ ނުވަތަ ވީޑިއޯ ނެގުމަކީ މަނާކަމަކަށް ވާތީ، މެޓާ ގްލާސް ބޭނުންކުރުން ވަނީ މަނާކުރެވިފައި،” ކަމަށް އެ އިދާރާގެ ތަރުޖަމާނަކު 'ދަ ގާޑިއަން' ނޫހަށް ބުނެފައިވެއެވެ.

މީގެ ކުރިން އިނގިރޭސިވިލާތުގެ ހައި ކޯޓުގައި ހިނގި ޝަރީއަތެއްގައި، މީހަކު ސްމާޓް އައިނު އަޅައިގެން ހުރެ އެހެން މީހެއްގެ އެހީތެރިކަން ހޯދި ކަމަށް ފަނޑިޔާރަކު ވަނީ ތުހުމަތުކުރައްވައިފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ 800 އަށްވުރެ ގިނަ ޕަބް ހިންގާ 'ވެދަސްޕޫންސް' އާއި 'އޭޓީޖީ ތިއޭޓާސް' އަދި 'ސޯހޯ ހައުސް' ފަދަ ތަންތަނުގައި ވެސް މިހާރު ވަނީ މި އައިނު އެޅުން މަނާކޮށްފައެވެ.

ލަންޑަންގެ މަޝްހޫރު ރެސްޓޯރެންޓުތަކެއް ހިންގާ ޖެރެމީ ކިންގް ބުނި ގޮތުގައި އޭނާގެ ރެސްޓޯރެންޓުތަކަށް އަންނަ މީހުންގެ ޕްރައިވެސީއަށް ގެއްލުންވާ ފަދަ އެއްވެސް ކަމަކަށް އޭނާ ޖާގައެއް ނުދޭނެއެވެ. މި އައިނު މަނާކުރުމުގެ މައިގަނޑު ސަބަބެއް ކަމަށް އެ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، މީހުންނަށް ނޭނގި ސިއްރުން ރެކޯޑުކުރެވޭ ގޮތަށް އައިނު ފަރުމާކޮށްފައިވުމުން އާންމުންގެ ޕްރައިވެސީއަށް ގެއްލުންވުމެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޖާސޫސްކުރުމަށް ބޭނުންކުރާ އާލާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

މިކަމާ ގުޅިގެން މެޓާ ކުންފުނިން ކޯޓުތަކުގެ ނިންމުމަށް ވަކި އެއްޗެއް ބުނަން ބޭނުންނުވާ ކަމަށް އެ ކުންފުނީގެ ތަރުޖަމާނަކު ބުނެފައިވެއެވެ. ނަމަވެސް އޭނާ ފާހަގަކުރި ގޮތުގައި، އައިނުން ރެކޯޑުކުރާއިރު އެކަން އަންގައިދޭ އަލިކަމެއް ފެންނަން ހުންނާނެއެވެ. އަދި އެ އަލި ފޮރުވައިގެން ރެކޯޑުކުރަން އުޅޭނަމަ އެކަން ހުއްޓުވާނެ ޓެކްނޮލޮޖީ އައިނުގައި ހިމަނާފައިވާނެ ކަމަށް ވެސް މެޓާއިން ބުނެފައިވެއެވެ. މި އައިނު މަނާކުރުމުގެ ގަވާއިދުތައް އިނގިރޭސިވިލާތުގެ ކޯޓުތަކާއި އެހެނިހެން ބޮޑެތި ތަންތަނުގައި މިހާރު ވަނީ ތަންފީޒުކުރަން ފަށާފައެވެ.