އެމެރިކާގެ މީޑިއާ ކުންފުނި މެޓާއިން އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި ޓިކްޓޮކްގެ މައި ކުންފުނި ބައިޓްޑާންސްގެ އިޝްތިހާރުތައް ދެއްކުން އެމެރިކާ ހިމެނޭހެން 7 ގައުމެއްގައި މަނާކޮށްފިއެވެ.

މި ނިންމުމާއެކު ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ މެޓާގެ ޕްލެޓްފޯމްތަކުގައި ޓިކްޓޮކަށް މީހުން ފޮނުވުމަށް ހިންގާ އެއްވެސް އިޝްތިހާރެއް ދެން ނުދެއްކޭނެއެވެ. މިއީ ވާދަވެރި ކުންފުނިތަކުގެ މެދުގައި އުފެދިފައިވާ ވިޔަފާރީގެ ވާދަވެރިކަން އިތުރަށް ވަރުގަދަވެގެން ދިޔަ ކަމެކެވެ.

މެޓާއިން ބުނި ގޮތުގައި އެ ކުންފުނީގެ ޕްލެޓްފޯމްތަކުން މީހުން އަތުލައިގަންނަން މަސައްކަތްކުރާ ވާދަވެރި ކުންފުންޏެއްގެ އިޝްތިހާރުތައް ދެއްކުމުގެ މަޖުބޫރުކަމެއް ނެތެވެ. ވާދަވެރިންގެ އިޝްތިހާރު ގަބޫލު ނުކުރުމަކީ ވިޔަފާރީގެ ދާއިރާގައި އާންމުކޮށް އަމަލުކުރާ އުސޫލެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި މަނާކުރުން އެމެރިކާގެ އިތުރުން ކެނެޑާ، މިސްރު، އިންޑޮނޭޝިއާ، ޖަޕާން، ތައިލޭންޑް އަދި ވިއެޓްނާމަށްވެސް ހިނގާނެއެވެ. މީގެ އިތުރުން ތިންވަނަ ފަރާތްތަކުން ޓިކްޓޮކަށް މީހުން ގެންދިއުމަށް ކުރާ އިޝްތިހާރުތައްވެސް ވަނީ މަނާކޮށްފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ދެ ކުންފުނީގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މެޓާއިން ވަނީ އިޖުތިމާއީ މީޑިއާގެ ޕްލެޓްފޯމްތަކުގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ޓިކްޓޮކުން ވަނީ އެ އެޕްލިކޭޝަން ބޭނުންކުރާ މީހުން އެހެން އިޖުތިމާއީ މީޑިއާ ޕްލެޓްފޯމްތަކަށް ފޮނުވުމަށް ހުރަސްއެޅޭ ގޮތަށް ބައެއް ބަދަލުތައް މީގެ ކުރިން ގެނެސްފައެވެ. މެޓާއާއި ޓިކްޓޮކަކީ އިޝްތިހާރުގެ އާމްދަނީއާއި ބޭނުންކުރާ މީހުންގެ އަދަދު އިތުރުކުރުމަށް އެންމެ ބޮޑަށް ވާދަކުރާ ދެ ކުންފުންޏެވެ.