މެޓާ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގްގެ މިލްކިއްޔާތަށް 25 ބިލިއަން ޑޮލަރު އިތުރުވެއްޖެ ކަމަށް ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ހާމަކޮށްފިއެވެ.

މި ކުރިއެރުން އައިސްފައިވަނީ، އާންމުންނަށް ބޭނުންކުރެވޭ ފެންވަރުގެ "ސުޕަ އިންޓެލިޖެންސް" ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޒަމާނީ ވަސީލަތްތައް އުފެއްދުމަށް މެޓާއިން އަމާޒު ހިފައި، އެ ކުންފުނީގެ އާ އޭއައި މޮޑެލްތައް އިއުލާންކުރުމާ ގުޅިގެންނެވެ.

މާލީ ރިޕޯޓުތައް ބުނާ ގޮތުގައި، މެޓާގެ ހިއްސާގެ އަގު އުފުލިފައިވަނީ އޭއައިގެ ދާއިރާއަށް އެ ކުންފުނިން ކުރަމުން އަންނަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ.

ޒަކަބާގް ބުނި ގޮތުގައި، މެޓާގެ އަމާޒަކީ އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް (އޭޖީއައި) އުފައްދައި، އެ ޓެކްނޮލޮޖީއަކީ އޯޕަން ސޯސްކޮށް އެންމެންނަށް ވެސް ލިބޭނެ އެއްޗަކަށް ހެދުމެވެ. ކޮންމެ މީހަކަށް ވެސް އަމިއްލަ އޭއައި އެސިސްޓެންޓެއް ލިބޭނެ މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، އޭއައިގެ ސަބަބުން މެޓާގެ އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މެޓާއިން ދާދި ފަހުން ވަނީ އެ ކުންފުނީގެ އެންމެ ފަހުގެ އޭއައި މޮޑެލް ކަމަށްވާ "ލާމާ 3" އާންމުކޮށްފައެވެ. އަދި ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕްގައި މި ޓެކްނޮލޮޖީ ބޭނުންކުރަން މިހާރު ވަނީ ފަށާފައެވެ.