ފީފާގެ ކުރިއަށް އޮތް ދައުރަށް މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ވާދަނުކުރޭވެނެ ގޮތަށް ނިންމަން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ ފެއާސްކެއާއިން ގޮވާލައިފިއެވެ.

ފީފާގެ އުސޫލު ބުނާ ގޮތުން ރައީސަކަށް އެންމެ ގިނަވެގެން މަގާމު އަދާކުރެވޭނީ ތިން ދައުރަށެވެ. އިންފަންޓީނޯއަށް ވާދަކުރެވޭ ގޮތަށް މިހާރު އޮތީ، އޭނާ 2016 ވަނަ އަހަރު މަގާމާ ހަވާލުވީ ދައުރުގެ މެދުތެރެއިން ކަމަށްވާތީއެވެ. އެފަހަރު އޭރުގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދިނުމުން އިންފަންޓީނޯ ދައުރު މެދުތެރެއިން މަގާމާ ހަވާލުވެފައިވާ އިރު، އެފަހަރު އިންފަންޓީނޯ މަގާމާ ހަވާލުވީ ދައުރުން ބޭރު ހާއްސަ ޖަލްސާއަކުންނެވެ.

ފެއާސްކެއާއިން ބުނެފައި ވަނީ އިންފަންޓީނޯ މިހާރު ފުރިހަމަކުރައްވަމުން ދަނީ ތިންވަނަ ދައުރު ކަމަށާއި، އިތުރު ދައުރަކަށް އޭނާ ކުރިމަތިލުން ވެގެންދާނީ ފީފާގެ އުސޫލާއި ގަވާއިދާ ހިލާފު ކަމަކަށް ކަމަށެވެ.

ފެއާސްކެއާއިން އެކަމުގައި ފީފާގެ ގަވާނަންސް، އޮޑިޓް އެންޑް ކޮމްޕްލައިންސް ކޮމިޓީއަށް ސިޓީއެއް ފޮނުވާފައިވާ އިރު، އެ ސިޓީގައި ބުނެފައި ވަނީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ވެރިކަން ދަމަހައްޓަން އިންފަންޓީނޯ ކުރަމުންދާ މަސައްކަތަކީ ފުޓުބޯޅައަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

އިންފަންޓީނޯ ފީފާއަށް ގެންނަވަން އުޅުއްވި ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ) ގެ ޕްލޭން ފެއިލްވެ، އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، އެ ޕްލޭނަކީ ފީފާ މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ އިންވެސްޓްމަންޓް ޕްލޭނެކެވެ. ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ އެއީ އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށެވެ.

ޔޫރަޕް ފުޓުބޯޅައިގެ މައި އިދާރާ ޔޫއެފާއާއި އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީގެ އިތުރުން އުތުރު އަދި މެދުތެރޭ އެމެރިކާ ފުޓުބޯޅައިގެ އިދާރާ ކޮންކެކަފް އެކުވެގެން ފީފާގެ ރައީސް އިންފަންޓީނޯގެ އިތުބާރު ނެތްކަން ހާމަކޮށްފައިވެއެވެ.

އޭގެ ކުރިން އިޒްރޭލަށް ފިޔަވަޅު ނޭޅުމުންވެސް އިންފަންޓީނޯއަށް ފާޑުކިޔުން އަމާޒުވި އިރު، ފީފާ ޕީސް ޕްރައިޒް ޓްރަމްޕަށް ދިޔުމާއި، އެކިއެކި އެހެން ބައެއް ކަންކަމުގައިވެސް އިންފަންޓީނޯއަށް ވަނީ ފާޑު ކިޔުމާ ކުރިމަތިލާން ޖެހިފައެވެ.