މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރީ ސަރުކާރުން ފެށި ތިލަމާލެ ބުރިޖު މަޝްރޫއު ކުރިއަށްދާ ސްޕީޑާ މެދު އިންޑިއާ ސަރުކާރުންވެސް ހިތްހަމަނުޖެހޭ ކަމަށާއި، ނަމަވެސް އެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ ބާލަސުބްރަމަނިއަން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން 2022 ވަނަ އަހަރު ފެށި މި މަޝްރޫއަކީ، މާލެ ސަރަހައްދުގައި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަސައްކަތެވެ.
އިންޑިއާގެ މިނިވަން ދުވަހާ ގުޅުވައިގެން "މޯލްޑިވްސް އިންޑިޕެންޑެންޓް" އަށް ދެއްވި އިންޓަވިއުއެއްގައި، މަޝްރޫއު ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަނުޖެހޭ ކަމަށް ވިދާޅުވި ނަމަވެސް، މަޝްރޫއުގެ ބޮޑެތި އަދި އިންޖީނިއަރިން ގޮތުން އެންމެ އުނދަގޫ ބައިތައް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.
މަޝްރޫއު ނިންމުމަށް ކަނޑައެޅި މުއްދަތު 2027 ވަނަ އަހަރަށް ފަސްވެފައިވީ ނަމަވެސް، މަސައްކަތުގެ ފެންވަރު ހިފަހައްޓައި، އިތުރު ހަރަދެއް ނުހިނގާނެ ގޮތަކަށް އަވަހަށް ނިންމުމަށް ދެ ގައުމުގެ ސަރުކާރުން ކޮންޓްރެކްޓަރާއެކު ގާތުން މަސައްކަތް ކުރަމުންދާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަވަމުންދާ ކަމަށާއި، ދެ ގައުމުގެ ދެމެދުގައި އެކުލަވާލާފައިވާ "ވިޝަން ޑޮކިއުމަންޓް" ގައިވާ ކަންކަން ހާސިލުކުރުމަށް އިސްކަންދެއްވާ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ތިލަމާލެ ބުރިޖު މަޝްރޫއާ ގުޅޭގޮތުން ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވަނީ، މި ސަރުކާރު ހަވާލުވިއިރު މި މަޝްރޫއުގެ އަމަލީ މަސައްކަތް އޮތީ ސުމެއްގައި ކަމަށް ދެންނެވިދާނެ ކަމަށެވެ. ކުރީގެ ސަރުކާރުން މަޝްރޫއު ފެށި ނަމަވެސް، މާލެއާއި ވިލިމާލެއާ ދެމެދު އެއްވެސް ތަނބެއް ޖެހުން ފަދަ އަމަލީ ބޮޑު މަސައްކަތެއް ކުރެވިފައި ނުވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވެފައިވަނީ މި މަޝްރޫއަކީ އިންޑިއާ ސަރުކާރާއެކު ކުރިއަށްދާ މަޝްރޫއެއްކަމުން، ދެ ސަރުކާރުގެ ގުޅުމުގެ ތެރެއިން މިހާރު މަސައްކަތްތައް އަވަސްކުރެވިފައިވާ ކަމަށެވެ. މާލެއާއި ވިލިމާލެއާ ދެމެދު އޮތް ބައި ގާތްގަނޑަކަށް ގުޅުވާލެވިފައިވާ އިރު، ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތްވެސް ހިނގަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގުމިނުގެ ކަނެކްޓިވިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ އިރު، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އަންނާނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.
ހައުސިން މިނިސްޓްރީން މިދިޔަ މަހު މައުލޫމާތުދިން ގޮތުގައި ބުރިޖު މަޝްރޫއުގެ 74.90 ޕަސަންޓު މަސައްކަތް ވަނީ ނިމިފައެވެ. މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ބުރިޖުގެ ތަނބުތައް ގުޅާލުމަށް އަޅަންޖެހޭ ޑެކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެގޮތުން ބުރިޖު ޑެކަށް ބޭނުންވާ ޖުމުލަ 1222 ސެގްމަންޓުގެ ތެރެއިން 90.4 ޕަސަންޓް ސެގްމަންޓް މިހާރު ކާސްޓުކޮށް ނިމިފައިވާ އިރު، އޭގެ ތެރެއިން 72.9 ޕަސަންޓު ސެގްމަންޓް މިހާރު އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިވަގުތު ބުރިޖުގެ މެދުން ގުޅޭ ސެގްމަންޓް ޑެކްގެ މަސައްކަތް ފިޔަވައި، އެހެން ހުރިހާ ބައެއްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި މީގެ އިތުރުން ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމާއި ތިލަފުށީގައި ބުރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވި ނަމަވެސް، އަންނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަކީ ސަރުކާރުގެ އަމާޒެވެ. މި ބިޔަ މަޝްރޫއަށް ޖުމުލަ 500 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ތިލަމާލެ ބުރިޖު
ކޮމެންޓް