ރަޝިއާއިން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ މަޝްވަރާތައް ބާއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން، ރަޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ފަސް ދުވަހުގެ ރަސްމީ ދަތުރުގެ ތެރެއިން ކަމަށެވެ.
އެ ދަތުރުގެ ތެރެއިން އަމީން ވަނީ ރަޝިއާގެ ސްޓޭޓް ސެކްރެޓަރީ އަދި ޑެޕިއުޓީ މިނިސްޓާ އޮފް ޓްރާންސްޕޯޓް ދިމިތުރީ ޒްވެރޭވްއާ އެކު ވަނީ ވައިގެ މަގުން ގުޅާލުން ވަރުގަދަކޮށް، ރާއްޖެއަށް އިތުރު ފުލައިޓްތައް ބޭއްވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި ޓޫރިޒަމް އިންޑަސްޓްރީގެ އިސްވެރިންތަކެއްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުގެ މައިގަނޑު އަމާޒަކީ ރަޝިއާ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމެވެ. އެގޮތުން، ދެ ގައުމުގެ ދެމެދުގައި ފުލައިޓް ކެޕޭސިޓީ އިތުރުކުރުމުގެ ފުރުސަތުތައް ހޯދުމުގެ އިތުރުން، ރަޝިއާ ސަރުކާރުގެ އިސް ފަރާތްތަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގެ ރަޝިއާގެ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުން އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މިނިސްޓްރީން ބުނީ އެ ބައްދަލުވުންތަކަކީ ކުރިއަށް އޮތް ޕީކް ސީޒަނަށާއި، "ވިޒިޓް މޯލްޑިވްސް އިޔާ 2027" ކެމްޕޭނަށް ތައްޔާރުވުމަށްޓަކައި، ފަތުރުވެރިންގެ ޝައުގުވެރިކަން ހުރި ދާއިރާތައް ދެނެގަނެ ގުޅިގެން ޕްރޮމޯޝަންތައް ހިންގުމަށް ލިބޭނެ އަގުހުރި ފުރުސަތެއް ކަމަށެވެ.
މީގެއިތުރުން، ރަޝިއާގެ ޓްރެވަލް ޓްރޭޑްގެ އިސް ފަރާތްތަކާއި މީޑިއާތައް ބައިވެރިވާ ނެޓްވޯކިން އިވެންޓްތަކެއް ބާއްވައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ޒަމާނީ ކުރިއެރުންތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައިކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ކޮމެންޓް