ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން އަށް އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލާގޮތަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ގަވާއިދާ އެއްގޮތަށް އެކަމުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި "އަހާ" ފޯރަމްގެ ނުވަވަނަ ބައްދަލުވުމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގައި ޑިސްޓްރެސް ހާލަތުގައި ނުވަތަ މަސައްކަތް ހުއްޓިފައި 161 ރަށާއި ފަޅު އެބައޮތް ކަމަށެވެ. މީގެ ތެރޭގައި 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ހުއްޓިފައިވާ ތަންތަން ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ ކުރިން އައި އެކި ސަރުކާރުތަކުން މި މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގްރީމަންޓްތަކުގެ ދަށުން ތަންތަން ހަވާލުކުރަނީ ވަކި މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް ހުޅުވުމަށް ކަމަށާއި، އެ ތަންތަން ނުހުޅުވުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކުހާއި ކުލީގެ ފީ ފަދަ އާމްދަނީތައް ނުލިބޭ ކަމަށް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮންސްޓްރަކްޝަން މުއްދަތު އެކި ދައުރުތަކުގައި އިތުރުކޮށްދިނުމުގެ ސަބަބުން އެ ތަންތަނުގެ އެއްބަސްވުން އުވާނުލެވި، ދައުލަތަށް ދައްކަންޖެހޭ ލޭންޑް ރެންޓް ރީޝެޑިއުލް ކުރެވިގެން ގޮސް، ޖުމްލަ 500 މިލިއަން އާއި 600 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ދައުލަތަށް ނުލިބި އެބައޮތެވެ.

މިނިސްޓަރު އަމީން ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ހައްގުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި މި ނިންމެވުމަކީ ރަށްރަށާއި ފަޅުތަކުން ދައުލަތަށް ލިބެންޖެހޭ ޓެކްސާއި ވަޒީފާގެ ފުރުސަތުތައް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކާއި އަދި ބިންތަކުގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ހުރި ތަންތަނާ މެދު އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު ޓޫރިޒަމް މިނިސްޓްރީން ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މިދިޔަ މަހުގެ 10 ގައެވެ. މި ގަވާއިދުގެ ދަށުން އަށް އަހަރަށްވުރެ ދިގު މުއްދަތަކަށް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން ބާތިލުކުރުމަށް ވަނީ ހިމަނައިފައެވެ.

މި ގަވާއިދުގެ ދަށުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދިނުމާއި އަލުން ތަރައްގީކުރުމަށް ތަން ބަންދުކޮށް މުއްދަތު ދިނުމުގެ އިތުރުން، ކުލި ފަސްކުރުމާއި ފަސްކުރެވޭ ކުލި އަލުން ދެއްކުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ. އަދި ތަރައްގީނުކޮށް ގިނަ ދުވަސްވެފައިވާ ތަންތަނާ މެދު އަމަލުކުރާނެ ހާއްސަ އިޖުރާއާތުތަކެއްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ ގޮތަކަށް މަސައްކަތް ކުރިއަށް ނުދާ ތަންތަން ހަތަރު ގިންތިއަކަށް ބަހައިގެން މައްސަލަ ހައްލުކުރެވޭނެ ގޮތަށް ގަވާއިދު އެކުލަވާލާފައިވާ އިރު، މަސައްކަތް ފަށުމަށްފަހު ކުރިއަށް ނުގޮސް ހުރި ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމާއި އަށް އަހަރަށްވުރެ އިތުރަށް އެއްވެސް މަސައްކަތެއް ނުކޮށް އޮތްނަމަ ވަގުތުން އެއްބަސްވުން އުވާލުމަށް ގަވާއިދުގައި ކަނޑައަޅާފައިވެއެވެ.