މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅައިފިއެވެ.

ވަން" އަށް އެނގިފައިވާ ގޮތުގައި، މައުލޫމާތު ލީކުކުރި މުވައްޒަފު ވަޒީފާއިން އެކަހެރިކޮށް އޭނާގެ މައްސަލަ ބަލައިދޭން ފުލުހުންނަށް މިހާރު ވަނީ ހުށަހަޅައިފައެވެ.

އެމްޓީސީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މުވައްޒަފު އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލުގެނެސް، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައި ވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލު ގެނެސްފައިވާކަން އެމްޓީސީސީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން އެކަން އޮޕަރޭޝަންސްގެ ސަމާލުކަމަށް ގެނެސް ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެންދިޔަ ކަމަށެވެ.

އެމްޓީސީސީން ބުނީ ރޭގެ ވަގުތެއްގައި މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީން ކަށަވަރުކޮށްދޭ ގޮތުގައި ކަސްޓަމަރުންނަށް މާލެ ޓެކްސީ ލައިންގެ ހިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިއެއް ނުވާނެއެވެ. މިއީ ބޭރުން އެޕްލިކޭޝަންގެ ފަޔާވޯލަށް ހަމަލާއެއް ދީގެން ހިންގާފައިވާ ހެކްކުރުމުގެ އަމަލެއް ނޫންކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.