ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގައި އެމެރިކާގެ ނޭވީ ބޯޓުން ބޮޑު ސަރަހައްދެއް ބަލާފައިވާ އިރު، އެމީހުންނާ ގުޅޭ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިމަހުގެ ދެވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35އ) އާއި ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދު (39އ) ވަނީ ގެއްލިފައެވެ. މި ހާދިސާއަށް މިހާރު ނުވަ ދުވަސް ވެފައިވާ އިރު، އަދިވެސް އެ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެމެރިކާގެ ނޭވީގެ "ބޮއިންގް ޕީ-8އޭ ޕޮސެއިޑޮން" ބާވަތުގެ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމާއި ހޯދައި ސަލާމަތްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ މަތިންދާބޯޓެއް ހުވަދޫ ކަނޑުގެ ސަރަހައްދުގައި އިއްޔެ ވަނީ ހަރަކާތްތެރިވެފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މި ހާދިސާއާ ގުޅިގެން ގެއްލިފައިވާ ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހުއްޓުމެއްނެތި މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
މިނިސްޓްރީން ބުނީ ގެއްލުނު މީހުން ހޯދުމަށް އެމެރިކާގެ ސަރުކާރުން ނޭވީ ބޯޓެއް ފޮނުވާފައިވާ ކަމަށާއި އެކަމަށްޓަކައި އެމެރިކާގެ ސަރުކާރަށް ޝުކުރުއަދާ ކުރާ ކަމަށެވެ.
މިނިސްޓްރީން ބުނީ އެމްއެންޑީއެފާ ގުޅިގެން އެމެރިކާގެ ނޭވީން އިއްޔެ ވަނީ ބޮޑު ސަރަހައްދެއް ބަލައިފައި ކަމަށެވެ. ނަމަވެސް ގެއްލުނު މީހުންގެ އެއްވެސް ނިޝާނެއް ނުވަތަ އެމީހުންނާ ގުޅުންހުރި އެއްވެސް ހެއްކެއް ހޯދިފައިނުވާ ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީން ވަނީ އެމެރިކާ ސަރުކާރުން ދިން އަވަސް އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މި އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ހާއްސަކޮށް ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އަދި ކުއްލި ހާލަތްތަކުގައި އެހީތެރިވުމުގައި އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދުމާ ގުޅިގެން ފެށި މި ސާޗް އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައި ފާސްކުރަމުންދާ އިރު، އެމްއެންޑީއެފް އާއި ފުލުހުންގެ ވަސީލަތްތައްވެސް ދަނީ ބޭނުންކުރަމުންނެވެ. އެމްއެންޑީއެފްގެ އޮޕަރޭޝަނުގައި އިއްޔެ ވަނީ ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމާލައިފައެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށްވުރެ ފުން ސަރަހައްދަކަށެވެ. މިއީ އާދައިގެ ސަބްމެރިންތަކަށްވެސް ނުދެވޭހާ ފުން ސަރަހައްދެއް ނަމަވެސް، ޒަމާނީ ޔޫއޭވީ ޑްރޯންތަކާއި ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ރޭދުވާލު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް