ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑެންޓް ލޯން ސްކީމްތަކުން ފައިސާ އަނބުރާ ދައްކަންޖެހޭ ހަރުދަނާ ނިޒާމެއް ގާއިމު ކުރުމަށް ފަހު 90 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ، އެޑިއުކޭޝަން މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު، އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވުނު ކަންކަން ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ރިކަމެންޑޭޝަންތަކެއްގެ ގޮތުގައި ހިމަނައިގެންނެވެ.
ރިޕޯޓްގައިވާގޮތުން 2022 ވަނަ އަަހަރުގެ ނިޔަަލަށް ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ލިބެން ޖެހޭ ފައިސާގެ ގޮތުގައި 190 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމެނޭއިރު، އޭރުގެ ހަޔައެޑިއުކޭޝަން މިނިސްޓްރީން ބަލަހައްޓާ ލޯނުތަކަށް ލިބެންޖެހޭ 81.5 މިލިޔަން ރުފިޔާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އަމަލު ކޮށްފައެއްނުވެއެވެ.
މިނިސްޓްރީއަށް ލިބެން ޖެހި، ހޯދާފައިނުވާ 81.5 މިލިޔަން ރުފިޔާއަކީ މިނިސްޓްރީން ދޫކޮށްފައިވާ ލޯނުތަކުގެ 60 ޕަސެންޓް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ސަރުކާރުން ކުރިއަށްގެންދާ ސްޓޫޑެންޓް ލޯން ސްކީމްތަކުން އަނބުރާ ފައިސާ ދައްކަން ޖެހޭ ކުދިންނާއި، ފައިސާ ދައްކަން ޖެހި ނުދައްކާ ތިބި ކުދިންނަށް ފޮނުވަން ޖެހޭ ނޯޓިސްތައް ފޮނުވުމުގެ އިތުރުން، ދަރިވަރުން އަނބުރާ ނުދައްކައި ހުރި ފައިސާ ހޯދުމަށް އަމަލު ކުރަމުންދާ ގޮތް މިހާރަށްްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން މޮނިޓާ ކުރާނެ އުސޫލެއް އެކުލަވައިލުމަށް މިނިސްޓްރީއަށް އަންގަން ވަނީ ފާސްކޮށްފައެވެ.
ދޫކުރާ ހުރިހާ ލޯނުތައް މޮނިޓާކޮށް ބެލެހެއްޓުމަށް މަރުކަޒީ ނިޒާމެއް މިނިސްޓްރީން ގާއިމުކުރުމަށް އަންގައި، އެގޮތުން އެކުލަވައިލާ އުސޫލާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ތަފްސީލް މިއަދުން ފެށިގެން 90 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.
ސްޓޫޑެންޓް ލޯނު ސްކީމްތަކުން ދޫކުރާ ފައިސާ އާއި، ސްކޮލަޝިޕްތަކުގެ ގޮތުގައި ދޫކުރާ ފައިސާގެ ތެރެއިން އެކިއެކި ސަބަބުތަކާހުރެ އަނބުރާ ފައިސާ ދައްކާފައިނުވާ ދަރިވަރުންގެ ދަފްތަރެއް އެކުލަވާލައި، ބެލެހެއްޓުމުގެ އިންތިޒާމު 90 ދުވަހުގެ ތެރޭގައި ގާއިމުކޮށް އެކަން ކޮމިޓީއާ ހިސާއްކުރަން މިނިސްޓްރީއަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.
އިބްރާހިމް ޒަކީ
ސްޓޫޑޭންޓް ލޯން
ސްޓޫޑޭންޓް ލޯން
ސްޓޫޑޭންޓް ލޯން
ކޮމެންޓް