ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ޑޮލަރުން ފައިނޭންސް ލިބޭ ގޮތަށް ކިޔަވާ ލޯނުގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މި ބަދަލާއެކު، ބޭރުގެ ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށާއި އެ ފަދަ ކޯސްތަކާ ގުޅުންހުރި ސަނަދުތައް ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޑޮލަރުން ފައިނޭންސިން ލިބޭނެ ކަމަށެވެ. މިއީ އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިން އެއް ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ މި ފައިނޭންސިން މެދުވެރިކޮށް، ކޯސް ފީތައް ބޭންކުން ސީދާ ތައުލީމީ މަރުކަޒަކަށް ނުވަތަ ކަމާބެހޭ އިދާރާއަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެ ކަމަށެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުވަތަ އެލަވަންސްތައް ސީދާ އެ ދަރިވަރުންގެ އެކައުންޓަށް ޖަމާކޮށްދޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކިޔަވާ ލޯނަށް ގެނައި މި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި މުހިންމު ބަދަލެއް ކަމަށެވެ.

ބީއެމްއެލުން ބުނީ ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން، އީޖާދީ އަދި ފަސޭހައިން ލިބޭނެ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ދަރިވަރުންގެ ތައުލީމީ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަކީ އެ ބޭންކުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.