ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން، 2026 ވަނަ އަހަރުގެ މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

މިއަހަރުގެ ލޯނު ސްކީމް އިފްތިތާހުކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އަލީ ހަދަރު އަހުމަދެވެ.

ލޯނު ނަގައިގެން ފުރިހަމަ ކުރެވޭނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 އިން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމްތަކެވެ. ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަނާއި، މެޑިކަލް ދާއިރާ ފެލޯޝިޕް ޕުރޮގުރާމުތައް ފުރިހަމަކުރުމަށް ލޯނު ދިނުމަށްވެސް ވަނީ ހުޅުވާލައިފައެވެ. ލޯނަށް އެދި ހުށަހަޅަން ޖެހެނީ https://kuri.gov.mv މެދުވެރިކޮށެވެ.

ލޯނު ދިނުމަށް ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ ތެރޭގައި، ގައުމީ ތަރައްގީއަށް މީހުން ތަމްރީންކުރުމަށް ބޭނުންވާ ދާއިރާތައް ކަމަށް ފާހަގަކުރެވިފައިވާ ނޭޝަނަލް ޓްރޭނިން ނީޑްސް ލިސްޓްގައި ހިމެނޭ ހައިލީ ޓެކްނިކަލް ދާއިރާތަކާއި އެ ލިސްޓްގައިވާ އެހެނިހެން ދާއިރާތައް ހިމެނެއެވެ.

މީގެ އިތުރުން މަތީ ތައުލީމާއި ތަމްރީނަށް ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުން ދާ ޕުރޮގުރާމު ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިހުތިޔާރުން ބޭރުން ދިމާވާ ކަމަކާ ހުރެ ޕްރޮގުރާމު ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީ އެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލައިފައިވާ ފުރުސަތުވެސް ހިމެނެއެވެ.

އޭގެ އިތުރުން ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާންޝިޕެއް އޮތްނަމަ، އެ އިންޓާންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުސަތުވެސް ވަނީ ހިމަނައިފައެވެ.

ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ލޯނުގައި ހިމަނައިގެން ލޯނު ދޫކުރާނެ ގައުމުތަކެއް އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ވަނީ ކަނޑައަޅައި ޕޯޓަލް މެދުވެރިކޮށް އިއުލާންކޮށްފައެވެ. ނަމަވެސް، މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތު ވަނީ ފަހި ކޮށްދީފައިފައެވެ.

އޭގެތެރޭގައި ހުރިހާ ހަރަދެއް ލޯނުގެ ގޮތުގައި ދޭނެ ކަމަށް އިއުލާނުކޮށްފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ލޯނު ލިބުނު ފަރާތުން އިހުތިޔާރުކުރާ އިއުލާންކުރި ގައުމުގެ ހަރަދާއި، ކިޔަވަންދާން ބޭނުން ގައުމުގެ ހަރަދާއި އަޅާކިޔައި ބެލުމަށްފަހު ދަރިވަރަށް ހަރަދު ކުޑަކޮށް ކިޔެވޭނެ ގޮތެއްގެ މަތީން، ކިޔަވައި ނިންމުމަށްފަހު އަނބުރާ ފައިސާ ދެއްކުމުގައި ދަރިވަރަށް ތަކުލީފު ކުޑަވާނެ ގޮތަށް ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރު ލޯނުގެ ފުރުސަތުތައް އިއުލާނުކުރުމުގެ ކުރިން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ދަރިވަރުންނަށް ދޫކުރާ ލޯނުތަކަށް ފާއިތުވީ އަހަރުތަކުގައި އިތުރުކޮށް، އެޑްމިނިސްޓްރޭޓިވް ޗާޖު ނުވަތަ ކޮމިޝަން އެއްކޮށް ކަނޑާލައި، މި ލޯނުތަކަކީ ފުރިހަމައަށް "ޝަރީއާ ކޮންޕްލައަންޓް" ލޯނުތަކަކަށް ހައްދަވައިފައެވެ. އަދި ދަރިވަރަށް ދޫކުރާ ފައިސާއެއްގެ އިތުރަށް އެއްވެސް ފައިސާއެއް ދަރިވަރުން އިތުރަށް ދައްކަންނުޖެހޭ ގޮތް ވެސް ވަނީ ހައްދަވައިދެއްވައިފައެވެ.

މި އަހަރު ލޯނު ދިނުމުގެ ކަންކަން ހިންގުމަށް ގެނެސްފައިވާ ބަދަލުތައް:

  • އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނުބާއްވައި ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ހުޅުވާލާފައި ބޭއްވުން.
  • މުއްދަތު ހަމަވުމުގެ ކުރިން ނޭދެވިގެން ލޯނު ނުލިބުމުގެ ބިރުފިލައި، ވަކި މުއްދަތެއްގެ ތެރޭގައި ނޭދެވުމުގެ ސަބަބުން ލޯނު ލިބުމުން މަހުރޫމުވުން ނިމުމަކަށް ގެނައުމަކީ، މި ސަރުކާރުގެ އަމާޒެއް.
  • އެހެން އަހަރުތަކުގައި އެކި ދާއިރާތަކުން ލޯނު ދޭނެ ސްލޮޓްގެ އަދަދު ކަނޑައަޅާ ފަދައިން، މިއަހަރު ލޯނު ދޭނެ ސްލޮޓްގެ އަދަދު ކަނޑަނާޅައި ވަރަށް ގިނަ ދާއިރާތަކެއް ހުޅުވާލައިފައި.
  • ސްލޮޓް ކަނޑަނާޅައި ހުޅުވާލައިފައިވާ ދާއިރާތަކާއި، ސްލޮޓް ކަނޑައަޅާފައިވާ ދާއިރާތަކާއި، އެ ދާއިރާތަކަށް ކަނޑައެޅިފައިވާ ސްލޮޓްގެ އަދަދުތައް އިއުލާނުންނާއި އޮންލައިން ޕޯޓަލުން ސާފުވާނެ.
  • ސްލޮޓް ކަނޑައަޅާފައިވާ ދާއިރާތަކުގައި ބާކީ ހުންނަ ސްލޮޓްގެ އަދަދު އޮންލައިން ޕޯޓަލުން ފެންނަން ހުންނާނެ.
  • ޓްރޭނިން ނީޑްސް ލިސްޓްގައި ހިމެނޭ ވަރަށް މަދު ހައިލީ ޓެކްނިކަލް ދާއިރާއެއް މެނުވީ، ހުރިހާ ޓެކްނިކަލް ދާއިރާތަކަކަށް ވާނީ، ލޯނު ލިބޭނެ ދަރިވަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމުގެ ބަދަލުގައި، އެ ދާއިރާތަކުން ކިޔަވާނަމަ، ލޯނު ލިބޭނެކަމުގެ ޔަގީންކަން ލިބޭނެ ގޮތަށް ހުޅުވާލައިފައި.
  • ކުރީ އަހަރުތަކުގައި ލޯނަށް އެދި ހުށަހެޅުމަށް އޮންނަ، ދެ ކެޓެގަރީ ނުވަތަ ގިންތި ކަމުގައިވާ "އަލަށް ކިޔަވަން ފަށާ ދަރިވަރުން" ގެ ކެޓެގަރީ އާއި "އޮންގޮއިން" ކެޓަގަރީ މިއަހަރު ނޯންނާނެ. އެހެންކަމުން، ނުބައި ކެޓަގަރީއަކަށް އެޕްލިކޭޝަން ހުށަހެޅުވުމުގެ ސަބަބުން އެޕްލިކޭޝަން ޑިސްކޮލިފައިވުން ނިމުމަކަށް ގެނެވި، އެޕްލިކޭޝަން ހުށަހެޅުން ފަސޭހަވާނެ.
  • އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންވެސް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ އެއް ކެޓަގަރީއަކަށް، ތަފާތުވާނީ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް.

މިނިސްޓްރީން ބުނީ މަގުސަދަކީ ޓެކްނިކަލް ދާއިރާތަކުން ކިޔެވުމަށް ހިތްވަރުދިނުމާއެކު، ލޯނު ލިބުމަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުގެ ފުރުސަތު ފަހިކޮށް ދިނުން ކަމަށެވެ. އަދި ލޯނު ދިނުމުގައި ބަލާނެ ޝަރުތުތައް "ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އަލަށް ކިޔަވަން ފަށަން ގަސްތުކުރާ ދަރިވަރެއް ނަމަ، ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅަންވާނީ ކިޔަވަން ފަށަން ތައްޔާރުވެފައި ކަމަށާއި އެހެންކަމުން، ލޯނަށް އެދި ހުށަހަޅާއިރު ފުރިހަމަކުރުމަށް އެދޭ ޕްރޮގުރާމުގެ ޕްލޭސްމަންޓް އަދި ފީގެ ތަފްސީލް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ އެޕްލިކޭޝަން އަވަހަށް ވަޒަންކުރެވި، ފައިސާ ދޫކުރުމުގެ ކަންކަން ނިންމުމަށް އެހެން އަހަރުތަކުގައި ހޭދަވާ ވަގުތަށްވުރެ މާކުރު މުއްދަތެއްގެ ތެރޭގައި ނިންމުމަށް އަމާޒުކޮށްގެން ގެނެސްފައިވާ ބަދަލެއް ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.