ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން، އިންޑިއާއާ ދެކޮޅަށް އޮކްޓޯބަރު މަހު އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމައިފައި އޮތުމާއެކު، އެގައުމުން ވާދަކުރަން ތައްޔާރުވި ފީފާ އާސިއާން ކަޕުން ވަކިވެއްޖެއެވެ.
އިންޑިއާއާ ދެކޮޅަށް ބްރެޒިލުން ކުޅޭ އެކުވެރިކަމުގެ މެޗު އަންނަ އޮކްޓޯބަރު މަހު ތިންވަނަ ދުވަހު ކަލްކަތާގައި އޮންނާނީ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ. އެއީ ބްރެޒިލްގެ ހާއްސަ އޭޝިއާ ޓުއާގައި ހިމެނޭ މެޗެކެވެ. ދުނިޔޭގެ އެންމެ ކާމިޔާބު ޓީމު ބްރެޒިލުން އޭޝިއާއަށް ކުރާ ދަތުރުގައި ފުރަތަމަ ކުޅޭނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އެއީ ސެޕްޓެމްބަރު 25 ވަނަ ދުވަހުއެވެ. އަދި އިންޑިއާއަށް ބްރެޒިލް ޓީމު ދާނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ.
ދުނިޔޭ ރޭންކިންގް 138 ވަނައިގައި މިވަގުތު އޮތް އިންޑިއާއިން ވަރުގަދަ ބްރެޒިލާ ދެކޮޅަށް ނުކުންނަން ތައްޔާރުވާ އިރު، މިއީ އިންޑިއާގެ ތާރީހުގައިވެސް ފީފާ ރޭންކިން ގަދަ ފަހެއްގައި ހިމެނޭ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ. ބްރެޒިލް މިވަގުތު އޮތީ ފީފާ ރޭންކިންގެ ފަސްވަނައިގައެވެ.
އެ މެޗު އާސިއާން ކަޕާ ދިމާވާ އިރު، އިންޑޮނޭޝިއާގައި އޮންނަ އާސިއާން ކަޕް ކުރިއަށް ދާނީ އަންނަ މަހު 24 އިން އޮކްޓޯބަރު ތިންވަނަ ދުވަހަށެވެ.
އިންޑިއާގެ ކޯޗުންނާއި ކުރީގެ ކުޅުންތެރިންވެސް އެދިފައި ވަނީ އާސިއާން ކަޕަށް ފޯކަސް ކުރުމަށެވެ. އަދި ބްރެޒިލް މެޗަކީ ފައިދާ ވާނެ މެޗެއް ނޫން ކަމަށްވެސް އެގައުމުގެ ތަޖުރިބާކާރުން ބުނެފައިވެއެވެ. އެ ވާހަކަތަކާއެކު އިންޑިއާއިން ވަނީ ދެމެޗުގައި ދެ ސްކޮޑެއް ބޭނުން ކުރުމަށް ފީފާގެ ހުއްދައަކަށްވެސް އެދިފައެވެ.
ހުއްދަ ލިބުނުކަން ޔަގީން ނުވާ އިރު، އިންޑިއާގެ ފެޑަރޭޝަން ސެކްރެޓަރީ ޖެނެރަލް އެމް ސަޓްޔަންނާރަޔަން ވިދާޅުވީ އާސިއާން ކަޕުން ވަކިވާން ނިންމާފައިވާ ކަމަށެވެ.
އިންޑިއާއިން 2027 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައިވެފައި ނުވާ އިރު، ސާފް ޗެމްޕިއަންޝިޕް ނޮވެމްބަރަށް ފަސްކުރީވެސް އިންޑިއާ އާސިއާން ކަޕްގައި ކުޅޭތީއެވެ. އިންޑިއާގެ އިތުރުން ޕާކިސްތާނުން އާސިއާން ކަޕްގައި ވާދަކުރަން ނިންމާފައި އޮތް އިރު، އިންޑިއާގެ ބަދަލުގައި ކުޅޭނީ ކޮން ޓީމެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް