ނިމިދިޔަ އެމްޑީޕީގެ ސަރުކާރާ އަޅައިބަލާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭންކުތައް މެދުވެރިކޮށް ދޫކުރި އެމެރިކާ ޑޮލަރުގެ އަދަދު އިތުރުވެފައިވާކަން ހިސާބުތަކުން އެނގޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑޮލަރު ދޫކުރުމާ ގުޅޭގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން އަމާޒުކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ރައްދުދެއްވުމުގެ ގޮތުން މިނިސްޓަރު ސައީދު އެކްސްގައި ރޭ ހިއްސާކުރެއްވި ޕޯސްޓެއްގައިވާ މައުލޫމާތުގައިވަނީ ރަސްމީ އެކްސްޗޭންޖް ރޭޓު ކަމަށްވާ 15.42 ރުފިޔާގެ ރޭޓުގައި ބޭންކުތައް މެދުވެރިކޮށް ދޫކުރި ޑޮލަރުގެ މިންވަރު ކުރީގެ ސަރުކާރުތަކަށްވުރެ މި ސަރުކާރުގައި މާ ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އެމްޑީޕީ ސަރުކާރު ނިމުނުއިރު ދޫކޮށްފައިދިޔަ 1.2 ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި ދައްކައި، ރާއްޖެ އިގުތިސާދީ ގޮތުން އިނދަޖެހުމުން ސަލާމަތްކޮށްދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އާންމުކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް ދޫކޮށްފައިވަނީ 20.1 މިލިއަން ޑޮލަރެވެ. 2022 ވަނަ އަހަރު 21.6 މިލިއަން ޑޮލަރު ދޫކުރި އިރު، 2023 ވަނަ އަހަރު ދޫކޮށްފައިވަނީ 36.9 މިލިއަން ޑޮލަރެވެ.
މި ސަރުކާރުގެ ދައުރުގައި 2024 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 40.5 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އަދި 2025 ވަނަ އަހަރު 61.2 މިލިއަން ޑޮލަރު ދޫކުރި އިރު، މިއަހަރުގެ ޖެނުއަރީ މަހުން ޖުލައި މަހުގެ ނިޔަލަށް މަހަކު އެވްރެޖްކޮށް 81.2 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.
މި ހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރާ އަޅައިބަލާއިރު މިއަހަރު މަހަކު އެވްރެޖްކޮށް ދޫކުރި ޑޮލަރުގެ މިންވަރު ވަނީ 120 އިންސައްތައިން އިތުރުވެފައެވެ. އެއީ ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ.
ވިޔަފާރި ބޭންކުތަކުން ދޫކުރާ ޓީޓީއާއި، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވާ ފައިސާއާއި، ހައްޖާއި އުމްރާގެ އިތުރުން ރާއްޖޭން ބޭރަށް ފުރާ ފަރާތްތަކަށް ދޫކުރި ޑޮލަރުގެ މިންވަރުވެސް އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެމްޑީޕީން ގައުމު ވައްޓާލި އިގުތިސާދީ އަނދަވަޅުން ސަލާމަތްކުރުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް