މާލެ ސިޓީ ކައުންސިލުން ވެމްކޯގެ ހިދުމަތް ހޯދުމަށްފަހު، އެ ކުންފުންޏަށް ދައްކަންޖެހޭ 116 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާކަމަށް ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭގޮތުން ހުރި ޝަކުވާތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހަޅާނެކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވާތީއެވެ.

ވެމްކޯއިން ބުނީ 2022 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސިޓީ ކައުންސިލުން ހިދުމަތް ހޯދުމަށްފަހު ނުދައްކާ އޮތް ފައިސާގެ ޖުމްލަ 116,421,129 ރުފިޔާއަށް އަރާފައިވާ ކަމަށެވެ. ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނީގެ މާލީ ފުދުންތެރިކަން ދަށްވުމުގެ އިތުރުން، މުވައްޒަފުންގެ ޕެންޝަން ފައިސާ ދެއްކުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި، އެކަން އެގޮތަށް ދިމާވަނީ ބޮޑެތި ކަސްޓަމަރުން ފައިސާ ނުދައްކާތީކަމަށް ވެމްކޯއިން ބުންޏެވެ.

އަދި ސިޓީ ކައުންސިލުން ފައިސާ ދައްކާ ނަމަ، ކުންފުންޏަށް ލިބިފައިވާ މާލީ ގެއްލުންތަކުން އަރައިގަނެވޭނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ. ވެމްކޯއިން ބުނި ގޮތުގައި ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން، އާންމު އުސޫލުގެ ދަށުން ކައުންސިލްގެ އާ ތަންތަން ރަޖިސްޓްރީ ކޮށްދިނުމަށާއި އާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ނަމަވެސް، ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތަކަށް ވާތީ، މިހާރު ދެމުންދާ ހިދުމަތްތައް މެދުކަނޑާނުލާ ކުރިއަށް ގެންދާކަމަށް ވެމްކޯއިން ބުންޏެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލަށް ބޮޑު އަގެއްގައި ހިދުމަތް ދޭކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެމުން ވެމްކޯއިން ބުނީ، ސަރުކާރުގެ މުއައްސަސާތަކަށް ތަފާތު ރޭޓެއްގައި ހިދުމަތް ދެނީ އާންމު ރައްޔިތުންގެ އަތުން ނަގާ ފީ ކުޑަކޮށް، ހިދުމަތުގެ އަގު ހެޔޮކޮށް ބެހެއްޓުމަށް ކަމަށެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި ޕޭމަންޓް ޝެޑިއުލެއް ހުށަހެޅުމަށް އެތައް ފަހަރަކު އެދުމުން ވެސް، ސިޓީ ކައުންސިލުން މިހާތަނަށް އެދެވޭ އެއްބާރުލުމެއް ދީފައި ނުވާކަމަށް ވެމްކޯއިން ބުންޏެވެ.