ހުޅުމާލޭ ހޮސްޕިޓަލުގައި ހިންގަމުންދާ ފާމަސީއެއްގެ އެއްބަސްވުމާ ގުޅޭގޮތުން އުފެދިފައިވާ ހިލާފުގައި، އެ ތަން ހުސްކުރުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ހުޅުމާލޭ ހޮސްޕިޓަލްގެ ފާމަސީ ހިންގުމަށް 2017 ވަނަ އަހަރު އާސަންދަ ކުންފުނިން ސަންޓްރިއާ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް، އެ ތަން ހުސްނުކޮށް ބޭނުންކުރަމުންދާކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލާގައި އާސަންދައިން ވަނީ ކުއްޔާއި، ރެވެނިއު ޝެއާ އަދި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް ދައުވާކޮށްފައެވެ.

ޝަރީއަތުން މައްސަލަ ވަކި ގޮތަކަށް ނިންމުމުގެ ކުރިން، އެ ތަން ހުސްކުރުމުގެ ވަގުތީ އަމުރަކަށް އާސަންދައިން އެދުނު ނަމަވެސް، ކޯޓުން ނިންމީ އެފަދަ އަމުރެއް މިވަގުތު ނެރެވެން ނެތް ކަމަށެވެ.

ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، މައްސަލައިގެ މައުލޫއާ މެދު ގޮތެއް ނުނިންމަނީސް ތަން ހުސްކުރަން އަމުރުކޮށްފި ނަމަ، އެއީ މައްސަލައިގެ އަސްލު ހަގީގަތާ މެދު ދުރާލާ ގޮތެއް ކަނޑައެޅުން ކަމުގައި ބެލެވޭނެ ކަމަށެވެ. ނަމަވެސް، މި މައްސަލާގައި އާސަންދަ ކުންފުނީގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ކޯޓުން ވަނީ ވަގުތީ ފިޔަވަޅެއް އަޅާފައެވެ.

އެގޮތުން، ޝަރީއަތުން މި މައްސަލަ ވަކި ގޮތަކަށް ނިންމަންދެން، އެ ފާމަސީ ހުރި ތަން އެހެން އެއްވެސް ފަރާތަކަށް ކުއްޔަށް ނުދިނުމަށް ސަންޓްރިއާ ކުންފުނީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ތަން އެހެން ފަރާތަކަށް ދީފި ނަމަ، އެއީ ފަހުން އިއާދަނުކުރެވޭނެ ފަދަ ގެއްލުމަކަށް ވެދާނެއެވެ.