އެމަޒޯންގެ ފައުންޑާ، ދުނިޔޭގެ ހަތަރު ވަނައަކަށް އެންމެ މުއްސަނދި މީހާ ޖެފް ބެޒޯޒް ހިމެނޭ ގްރޫޕަކުން ލިވަޕޫލްގެ 30 ޕަސެންޓް ހިއްސާގަތުމުގެ މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ނޫސްތައް ބުނެފިއެވެ.
ބީބީސީ ސްޕޯޓްސްއިން ބުނެފައި ވަނީ ބެޒޯޒާއެކު އެ ވިޔަފާރިވެރިންގެ ގްރޫޕްގައި ހިމެނެނީ އިނގިރޭސި އަދި އިންޑިއާ ބައެއް މިލިއަނަރުން ކަމަށެވެ. އެގޮތުން އިންޑިއާގެ މިލިއަނަރު އަމިތު ބާޓިއާއާއި ފޭސްބުކްގެ ކޯ ފައުންޑާ އެޑުއާޑޯ ސަވެރިންނަކީވެސް ބެޒޯޒްގެ ކޮންސޯޓިއަމްގައި ހިމެނޭ ފަރާތްތައް ކަމަށް ނޫސްތައް ބުނެއެވެ.
ލިވަޕޫލްގެ ވެރިން ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން މިދިޔަ މަހު ބުނެފައި ވަނީ ލިވަޕޫލްގެ ހިއްސާ ކޮންމެވެސް ވަރަކަށް ވިއްކަން ބޭނުންވާ ކަމަށެވެ. އެފްއެސްޖީން 2010 ވަނަ އަހަރު ލިވަޕޫލް ގަތީ 300 މިލިއަން ޕައުންޑްގެ ޑީލެއްގައެވެ. އެ ގްރޫޕުން މީގެ ކުރިންވެސް ޑައިނަސްޓީ އިކުއިޓީ ނަމަކަށް ކިޔާ ސްޕޯޓްސް އިންވެސްޓްމަންޓް ފާމްއަކަށް ހިއްސާ ވިއްކާފައިވެއެވެ.
ލިވަޕޫލްގެ ހިއްސާ ގަންނަން މިފަހަރު މަސައްކަތްކުރާ ގްރޫޕްގައި ހިމެނޭ ބާޓިއާއަކީ އިންޑިއާގެ ބިލިއަނަރު ވިޔަފާރިވެރިޔާ ލަކްޝްމީ މިޓަލްގެ ދަނބިދަރިއެކެވެ. އޭނާއަކީ މިދިޔަ މަހާ ހަމައަށްވެސް ކުއީންސްޕާކް ރޭންޖާސްގެ ކޯ އޯނާއެއްގެ އިތުރުން ޑިރެކްޓަރެވެ. އެ މަގާމު އޭނާ ވަނީ 18 އަހަރު އަދާކޮށްފައެވެ.
ބެޒޯޒްއަކީ މިހާރުވެސް ދުނިޔޭގެ އެންމެ މުއްސަނދި އެކަކަށްވީ އިރު، އޭނާގެ މިލްކިއްޔާތުގައި 256 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބަސްއިން ބުނެއެވެ. 2021 ވަނަ އަހަރު އޭނާ ވަނީ އެމަޒޯންގެ ސީއޯއޯގެ މަގާމުން އެއް ފަރާތަށް ޖެހިލައިފައެވެ. އެހެން ނަމަވެސް އެ ކުންފުނީގެ އަށް ޕަސެންޓް އޯނަރަކީ އަދިވެސް ބެޒޯޒްއެވެ.
މީގެ ކުރިން 2023 ވަނަ އަހަރުވެސް ބެޒޯޒް ވަނީ ކުޅިވަރަށް އިންވެސްޓް ކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެންއެފްއެލް ފްރެންޗައިސް ވޮޝިންޓަން ކޮމާންޑާސް ގަންނަންވެސް މަޝްވަރާ ކުރިއެވެ. އަދި ސުޕަ ބޯލް ހޯދި ސިއޭޓާލް ސީހޯކްސް ގަންނަންވެސް ބެޒޯޒް ކުރިން މަސައްކަތް ކުރިއެވެ.
ލިވަޕޫލަކީ މިހާރު ޕްރިމިއާ ލީގުގައި އޮތް އެންމެ ފައިދާ ބޮޑު ކްލަބެވެ. އެގޮތުން 2024-25 ވަނަ އަހަރު ސީޒަނުގައި އެ ކްލަބަށް ވަނީ ރެކޯޑު 703 މިލިއަން ޕައުންޑްގެ އާމްދަނީއެއް ވަދެފައެެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ކޮމެންޓް