ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިހާރުން މިހާރަށް އިސްތިއުފާ ދޭން ޖެހޭ ކަމަށް ނޯވޭ ފުޓުބޯޅަ އިދާރާގެ ރައީސް އަދި ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ އެއް އަންހެން ޝަހުސިއްޔަތު ލީސޭ ކްލަވެނެސް ވިދާޅުވެއްޖެއެވެ.

ނޯވޭއަކީ މިވަގުތު އޮތް ފީފާގެ ވެރިކަމާ ދެކޮޅަށް އެންމެ ވަރުގަދައަށް އަޑު އުފުލާ އެއް ގައުމެވެ. އެގައުމުން ވަނީ އިޒްރޭލަށް ފިޔަވަޅު ނޭޅުމުން އެކަމާވެސް ފީފާއާ ދެކޮޅަށް އަޑު އުފުލައިފައެވެ. އަދި ފީފާގެ އެންމެ ފުރަތަމަ ޕީސް އެވޯޑު، އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން މައްސަލައިގައި ނޯވޭއިން ވަނީ ބައިނަލްއަގުވާމީ ކޯޓުތަކަށްވެސް ދާން މަސައްކަތް ފަށައިފައެވެ.

އުމުރުން 45 އަހަރު ގާނޫނީ ވަކީލު ބުނީ ގާނޫނީ އިމުގެ ތެރެއިން އިންފަންޓީނޯ ފީފާ ރައީސްކަމުގައި ހުރުމަށް އެއްވެސް ގޮތަކަށް މިހާރު ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. އަދި އެމެރިކާގެ ފޮލާރިން ބަލޮގަންގެ ރަތް ކާޑު އަދަބު، އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޯން ކޯލަކުން ލުއިކުރުމަށްވެސް ނޯވޭއިން ވަނީ ފާޑު ކިޔައިފައެވެ.

ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ކުރިއަށް ގެންދަން ނިންމި ސަބްސިޑަރީ އިންވެސްޓަމަންޓް ޕްލޭން ފެއިލްވެފައިވާ އިރު، އެ ޕްލޭނަކީ ވޯލްޑް ކަޕްވެސް ހިމެނޭގެން ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކަން މަސައްކަތް ކުރި ޕްލޭނެކެވެ. އެ ޕްލޭނަކީ 20 ވަރަކަށް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ޕްލޭނެކެވެ.

ކްލަވެނެސް ވިދާޅުވީ ފީފާގެ ރައީސްގެ އިސްތިއުފާއަށް ގޮވާލައި ޔޫއެފާގެ އެހެން ގައުމުތަކުގެ އިތުރުން ދުނިޔޭ ފުޓުބޯޅައިގެ ހުރިހާ އެންމެންވެސް ނުކުންނަން ޖެހޭ ކަމަށެވެ.

"ގޭމް އޮފް ތްރޯންސްއަށް ދުނިޔޭގެ ފުޓުބޯޅަ ވެގެން ނުވާނެ. މިހާރު އޮތީ އެކަހަލަ ހާލަތެއް. ވަކިވަކިވެ، ބައިބައިވެފައި އޮތް ފީފާއެއް. ކާރިސާގެ ހާލަތުގައި އޮތް ފީފާއެއް. އެ ހާލަތު ބަދަލުކުރަން ލީޑަރެއް ބޭނުންވާ އިރު، އިންފަންޓީނޯއަކީ ބާރު ބަހާ މީހެއް. ހައްލެއް ހޯދޭނެ މީހެއް ނޫން،" ކްލަވެނެސް ވިދާޅުވިއެވެ.

ކްލަވެނެސް ވިދާޅުވީ ފުޓުބޯޅައަށް ހަގީގީ ރިފޯމެއް ބޭނުންވާ ކަމަށާއި އަދި އެ ބަދަލު ދެމިގެންދާން ޖެހޭނެ ކަމަށެވެ.