މެދުކެނޑުމަކަށްފަހު މިއަހަރު ސީޒަނުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި މިއަދު ފެށި ކަޕް ވިނާސް ކަޕްގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ވާދަކުރަން ޖެހިއްޖެއެވެ.

އެ ދެޓީމުން ފައިނަލް ޔަގީންކުރީ އިއްޔެ ހަވީރާއި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއިންނެވެ. މާޒިޔާއާއި ނިއުއިންވެސް މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެފައިވާ އިރު، މާޒިޔާއިން އިއްޔެ ހަވީރު ދެވަނަ މޮޅު ހޯދީ ބުރު ސްޕޯޓްސް ކްލަބު ކައިރިން ފަހަތުން އަރައި 2-1 އިން މޮޅުވެގެންނެވެ. އަދި ނިއު ރޭޑިއަންޓުން ރޭ ވަނީ 5-3 އިން އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.

މިއީ 18 އަހަރުގެ މެދުކެނޑުމަކަށްފަހު ކަޕް ވިނާސް ކަޕް ސީޒަނުގައި ކުޅެމުންދާ ފުރަތަމަ ފަހަރެވެ. ކަޕް ވިނާސް ކަޕަކީ އެކި ފަހަރު މަތިން ދިވެހި ފުޓުބޯޅައިން ފެނިގެންދާ ޝަރަފުވެރި މުބާރާތެކެވެ. އެ މުބާރާތް އަމާޒުކޮށްފައި އޮތީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނާއި އެފްއޭ ކަޕްގެ ޗެމްޕިއަން، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އަދި ޕޮމިސް ކަޕްގެ ޗެމްޕިއަނުންނަށެވެ.

މިދިޔަ ސީޒަނުގެ ތިން މުބާރާތްވެސް ތިން ޓީމަކުން ކާމިޔާބުކުރި އިރު، ކަޕް ވިނާސް ކަޕްގައި ވާދަކުރީ ލީގު ޗެމްޕިއަން މާޒިޔާ، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް، ޕްރެސިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ އިތުރުން އަނެއް ދެ މުބާރާތުގެ ސެމީ ފައިނަލަށްވެސް ދިޔަ ބުރު ސްޕޯޓްސް ކްލަބެވެ.

މާޒިޔާއިން ބުރު ބަލިކުރި މެޗުގައި ފަހަތުން އަރައި މޮޅުވި އިރު، ބުރުން ފުރަތަމަ ލީޑު ނެގީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. އެ ގޯލަކީ އަރީން އަބްދުﷲ އިބްރާހީމް ޖަހައިދިން ހިތްގައިމު ގޯލެކެވެ.

މާޒިޔާއިން ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ގޯލް ޖަހައި މެޗު އަނބުރާލި އިރު، އެ ގޯލްތައް ޖަހައިދިނީ އިބްރާހީމް އައިސަމްއާއި ބެންޖަމިން ތޯމަސް ކޫކޫއެވެ.

ރޭ ކަޕް ވިނާސް ކަޕްގެ އެންމެފަހުގެ ޗެމްޕިއަން ނިއުއިން ފައިނަލް ޔަގީންކުރި މެޗުގައިވެސް ފޯމު ރަނގަޅަށް ހުރި ބްރެޒިލް ފޯވަޑް، ޑޮރިއެލްޓަން ގޮމޭސް ނަސިމެންޓޯ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި އަނެއް ގޯލްތައް ޖެހީ އީތަން އިބްރާހީމް ޒަކީއާއި އަމްދާން އަލީ (އެންޑީ)އެވެ.

އޮޑީގެ ގޯލްތައް ޖެހީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި މުޒަދާން ހަސަން އަދި މުހައްމަދު ސަހާއު (ބޭލް) އެވެ. އެ ތިން ގޯލްވެސް ފެނުނީ ފަހު ކޮޅުގައެވެ.

ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުތައް އޮތީ ނުވަ ދުވަސް ފަހުންނެވެ. އެގޮތުން، މިމަހު 15 ވަނަ ދުވަހު ހަވީރު، އޮޑިން ކުޅޭނީ ބުރާ ދެކޮޅަށެވެ. އަދި، އެރޭ، ނިއުއާއި މާޒިޔާ ކުޅޭނެ އެވެ. ނިއުއާއި މާޒިޔާ ކުޅޭ ފައިނަލް މެޗު އޮތީ މިމަހު 18 ވަނަ ދުވަހުއެވެ.