66 ބުލެޓް ކޮކެއިން ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މީހާ ހައްޔަރު ކުރީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.

އެމީހާ މަސައްކަތް ކުރީ ބަރުދަނުގައި 1،180 ގްރާމް (66 ބުލެޓް) ހުރި ކޮކެއިން ދިރުވާލައިގެން އެ ތަކެތި ރާއްޖެ އެތެރެކުރަން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް އެ އިދާރާއިން ބުނެއެވެ. އެ މައްސަލައިގައި ހިމެނޭ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ކަމާގުޅުންހުރި އިދާރާތަކުން ހާމައެއް ނުކުރެއެވެ.