އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް ވަގުތީ ގޮތުން ބްލޮކް ކުރެވުނު މައްސަލައިގައި، މެޓާ ކުންފުނިން އިންޑިއާ ސަރުކާރުގެ ކިބައިން މާފަށް އެދިއްޖެއެވެ.

މެޓާގެ ޗީފް ގްލޯބަލް އެފެއާޒް އޮފިސަރު ޖޯއެލް ކަޕްލާން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިކަމަށް މާފަށް އެދިފައިވަނީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު އަޝްވިނީ ވައިޝްނާވްއާ އެކު ބުދަ ދުވަހު ނިއުދިއްލީގައި ބޭއްވި ބައްދަލުވުމެއްގައެވެ. ކަޕްލާން ބުނީ މޯދީގެ ޕޯސްޓް ބްލޮކްކުރެވުނީ އޮޅުމަކުން ކަމަށާއި، އެކަމަށް މެޓާގެ ނަމުގައި މާފަށް އެދޭ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު މޯދީ ކުރެއްވި މި ޕޯސްޓަކީ، އިންޑިއާގެ އިމްތިހާނު ކަރުދާސްތަކެއް ލީކުވި މައްސަލައާ ގުޅިގެން މުޒާހަރާކުރަމުންދިޔަ ޒުވާނުންނާ މުހާތަބުކޮށް އާންމުކުރި ވީޑިއޯއެކެވެ. މެޓާއިން ބުނެފައިވަނީ މި ވީޑިއޯ ބްލޮކްކުރެވުނީ އޮޓޮމެޓިކް ކޮންޓެންޓް ފިލްޓަރުތަކަށް އެރި އޮޅުމަކުން ކަމަށެވެ. އަދި ފަހުން އެ ވީޑިއޯ ވަނީ އަލުން އާންމުކޮށްފައެވެ.

ނަމަވެސް އިންޑިއާގެ އައިޓީ މިނިސްޓްރީން ބުނެފައިވަނީ މެޓާގެ މި ޖަވާބު ގަބޫލު ނުކުރެވޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ކޮމިޓީއަކުން ވަނީ، ތިން ދުވަހުގެ ތެރޭގައި މެޓާގެ ސީއީއޯ މާކް ޒަކަބާގް މާފަށް ނޭދިއްޖެ ނަމަ، އެ ކުންފުންޏަށް ލިބިދީފައިވާ ގާނޫނީ ހިމާޔަތްތައް ކަނޑާލާނެ ކަމުގެ އިންޒާރު ދީފައެވެ. އިންޑިއާގެ އައިޓީ ގާނޫނުގެ ދަށުން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުން ޝާއިއުކުރާ ކޮންޓެންޓްތަކުގެ ގާނޫނީ ޒިންމާއިން އެ ކުންފުނިތަކަށް ހިމާޔަތް ލިބެއެވެ.

މި ބައްދަލުވުމުގައި މެޓާގެ އިސްވެރިން ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތަކާއި ޑީޕްފޭކް ފަދަ މަނާ ކޮންޓެންޓްތައް ފެތުރުން ހުއްޓުވުމުގައި އެ ކުންފުނީގެ ޕްލެޓްފޯމްތަކުން ފެއިލްވެފައިވާކަން ގަބޫލުކޮށް، އެކަމަށް ވެސް މާފަށް އެދިފައެވެ.

އިންޑިއާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވަކި ބާވަތެއްގެ ކޮންޓެންޓްތައް ޕްރޮމޯޓްކުރުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކާފައިވާކަން ވެސް މެޓާއިން ވަނީ ގަބޫލުކޮށްފައެވެ.