ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދެވީ ވެރިކަމަށް ކުރިމަތިލާފާނެހެން ހީވާ ހުރިހާ އެންމެން ޖަލަށްލަމުންކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން މިރޭ އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ އެންމެ މުހިންމު މަސައްކަތަކީ ގައުމުގައި ހަމަޖެހުން ގާއިމުކުރުން ކަމަށެވެ. ގައުމަށް ތަރައްގީ ގެނެވޭނީ ހަމަޖެހުން ގެނެވިގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ހަމަޖެހުމާއި، ރައްކާތެރިކަމަކީ ގާނޫނުން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ކަމެއްކަމަށާއި، އެއީ ހަމައެކަނި ދައުލަތުގެ އިސް މަގާމުތަކުގަ ތިބޭ މީހުންނަށް ލިބެންޖެހޭ އެއްޗެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނީ މި ސަރުކާރަށް ކަމަށާއި، އިދިކޮޅު ފަރާތްތަކައް އެކަމުގެ އެންމެ ރަނގަޅު މައުލޫމާތު ނޭނގޭނެ ކަމަށެވެ.

"ސިޓިން ރޫމްގަ ތިއްބަވައިގެން މި ދޯދެއްވަނީ އެއްފަރާތުން ޑރ. ޖަމީލަށް އަނެއްފަރާތުން މަލީހަށް. އެ ބޭފުޅުންނަށް ކިހިނެތްތޯ މިގޮތަށް ހިންގާކަމެއް އެނގޭނީ؟. އަޅުގަނޑަށް ހިތަށްއަރާ ދާދިފަހަކާ ކަންފުޅެއްވެސް ހަމަ ނެތީބާއޭ. މި ދެ މީހުންނަކީ އަޅުގަނޑުމެންގެ އެވެރިކަން ވައްޓާލަން މަސައްކަތްކުރި ދެމީހުން" އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ލޯންޗުކޮޅު ގޮއްވާލީއިރު، ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ބޭފުޅާ މިއަދުވެސް އުޅުއްވާނެ. އެ ވާހަކަ މިދައްކަވަނީ. ދެން ދައްކާއިރު، މި ވާހަކަ އަޅުގަނޑުމެން ނުދައްކާ ތިބެވޭނެތަ؟. ބަޑިގުދަނާ ހަވާލުވެ ހުރި މީހާ އަނެއްކޮޅުން ނިކުމެ ވަޑައިގެން މިދައްކަނީ ޑިފެންސް މިނިސްޓަރު ގޯސް ވާހަކަ"

އަބްދުއްރަހީމް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް ލިބިފައިވާ ޔަގީންކަމަކީ އެ މީހުންނަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން ކަމަށެވެ. މި ސަރުކާރުން ކޯޓުތަކައް ސިޔާސީ ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވަނީ ޔާމީނަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެ ބޭފުޅުންނަށް އޭރު އަޅުގަނޑުމެން ތިބެން ޖެހުނީ ބިރުން، މީ ހަގީގަތް. ތިޔަ ބޭފުޅުން ހަނދާން ހުންނާނެ އެކެއް ފެބްރުއަރީ، އެކެއް ފެބްރުއަރީއާ ގުޅިގެން ހިނގާދިޔަ ކަންތައްތަކުގަ ކަންތައްތައް ވެގެން ދިޔަ ގޮތް. ވެރިކަމަށް ކުރިމަތިލާން އައި އިރު ވެރިކަމަށް ނިކުމެދާނެއޭ ހީވާ ހުރިހާ އެންމެން ޖަލުގަ. މީ ނޫންތޯ ހަގީގަތަކީ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސިޔާސީ ބަދަލު ހިފުން ނިމުމަކަށް ގެންނާނެކަމަށް ވައުދުވެވަޑައިގެން ކަމަށާއި، އެ މަނިކުފާނުގެ ވެރިކަމުގެ މިހާތަނަށް އައި އިރު ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިއަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދެވީ އެ މަނިކުފާނުގެ ވެރިކަމެއްގައި އަނިޔާވެރިކަން އިސް ނުކުރާނެ ވާހަކަ އަދުލު އިންސާފު ގާއިމުކުރާނެ ވާހަކަ. އަދުލު އިންސާފު ގާއިމުކުރުމަކީ އެއީ އަނިޔާވެރިވުމެއް ނޫން. އަދުލު އިންސާފު ގާއިމު ނުކުރުން އެއީ އަނިޔާވެރިކަން" އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންފައި މިއަދާ ހަމައަށް އަޅުގަނޑަށް ދައްކަވާ ސިޔާސީ ގޮތުން ހައްޔަރުކޮށްފައި ހުރި އެއްވެސް މީހެއް. ނުހުންނާނެ"

ރާއްޖޭގެ މިސްރާބު މިއަދު ހުރީ އަމާން ބަނދަރަކަށް ކަމަށާއި، ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކަށް މިއަދު މުޅި ގައުމު ސެލިއުޓް ކުރަންޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ، 17 ނޮވެމްބަރު 2023 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވީ ގައުމު ވަރަށް ބޮޑު ނާމާންކަމެއްގެ ތެރޭގައި އޮއްވައި ކަމަށެވެ. އަދި އެއީ މިސްރާބެއް ނެތި، ބަނގުރޫޓުވުމުގެ މަގަށް ދަތުރުކުރަމުންދިޔަ "އޮޑިއެއް" ފަދަ ގައުމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން ހީކުރީ ތިން މަސް ނުވަނީސް މި ގައުމު ބަނގުރޫޓުވާނެ ކަމަށް. އެކަމަކު މިއަދު ފެންނަނީ ތަފާތު މަންޒަރެއް. ފައިސާ ޗާޕުނުކޮށް، މުސާރަތަކާއި ތެލާއި އަސާސީ ހިދުމަތްތަކަށް ބަރާބަރަށް ފައިސާ ދެމުން، ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްދާ މަންޒަރު" އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ތަކެތީގެ އަގުބޮޑުވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއަދު ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވަނީ ހަމަޖެހުމާއި ރައްކާތެރިކަން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކުން ގައުމުގެ ހަރުމުދާ ވިއްކާލައި، އިސްލާމީ އަސާސްތަކާ ހިލާފު ވާހަކަތައް ދައްކާފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތަކެތީގެ އަގާއި އާންމު ހިދުމަތްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުން މުޒާހަރާ ކުރި ކަމަށެވެ.

"އަޅުގަނޑު ހަނދާން އެބަހުރި ރައީސް ނަޝީދުގެ ވެރިކަމުގަ، އަޅުގަނޑުމެން މާލޭގެ މަޖީދީމަގާ ޗާންދަނީމަގު ހަތަރުއަނގޮޅި ކަންމަތީގަ، ހަތަރު ދަމު ކުރި މުޒާހަރާ. އަޅުގަނޑުމެން ހަނދާން އެބަހުރި. ކަރަންޓް އަގު ބޮޑުވީމަ އަޅުގަނޑުމެން ކުރި މުޒާހަރާ. މިކަހަލަ އެތައް މުޒާހަރާތައް އަޅުގަނޑުމެން ކުރިން" އަބްދުއްރަހީމް ވިދާޅުވިއެވެ.