ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހިންގާ ފިއުޗާ ހޯމްސް އިން ސިވިލް ކޯޓުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެކޮޅަށް ކުރި ދައުވާ އަބުރާ ނަގައި، އެ މައްސަލަ ހައްލު ކޮށްފައިވާތީ އެކަމަށް އެފްއޭއެމްއިން މަރުހަބާ ކިޔައިފިއެވެ.
މި މައްސަލައަކީ، މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފިއުޗާ ހޯމްސްއަށް ދޫކޮށްފައިވާ އެފްއޭއެމްގެ ބިމުގައި އެ ކުންފުނިން ހަދާފައިވާ އިމާރާތެއް ހުސްކުރަން އެފްއޭއެމް އިން އެންގި މައްސަލައެކެވެ. ފިއުޗާ ހޯމްސް އިން ހުށަހެޅީ ކޯޓުން އެ އެންގުން ހުއްޓުވުމަށެވެ.
އެ މައްސަލައިގައި ކޯޓުުގައި ބޭއްވި އަޑުއެހުމުގައި ވަނީ، ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް ދެފަރާތުން އެއްބަސްވެފައެވެ. އެކަމަށްޓަކައި ހަފުތާއެއްގެ މުއްދަތު ދިނެއެވެ. އެ މުއްދަތުގައި ކުރި މަޝްވަރާތަކަށް ފަހު ފިއުޗާ ހޯމްސްއިން ވަނީ ދައުވާ އަނބުރާ ނަގަން ނިންމައި، އެކަން ކޯޓަށް އަންގައިފައެވެ. އެކަމާ ގުޅިގެން ދައުވާ އަނބުރާ ގެންގޮސްފައިވާތީ މައްސަލަ އިއްޔެ ވަނީ ފައިލްކޮށްފައެވެ.
މައްސަލައިގައި ބޭއްވި ހަމައެކަނި އަޑުއެހުމުގައި އެ ކުންފުނިން ބުނެފައިވަނީ އެފްއޭއެމްގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފި ނަމަ އެ ކުންފުންޏަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި އެފްއޭއެމަކީ އެ ގެއްލުމުގެ ބަދަލު ދެވޭނެ މާލީ ގާބިލްކަން މި ވަގުތު އޮތް ތަނެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް އެފްއޭއެމުން ދިން ރައްދުގައި ބުނީ ފިއުޗާ ހޯމްސްއާ އެކު ވެފައިވާ އެއްބަސްވުމުގައި ހިމެނޭ އަގުތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެ އަދާކުރުމުގެ ގާބިލްކަން އެފްއޭއެމްގައި ހުންނާނެ ކަމަށެވެ.
ފިއުޗާ ހޯމްސް އިން ބުނެފައި ވަނީ، އެފްއޭއެމާ އެކު 2023 ވަނަ އަހަރު އެ ކުންފުނިން ހެދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެއްބަސްވުމާ އެއްގޮތަށް އެ ތަނުގައި އިމާރާތެއް ހަދައި ބޭނުން ކުރަމުން ދަނިކޮށް އެފްއޭއެމުން އެއްބަސްވުމަށް އަމަލު ނުކުރަން ނިންމުމަކީ، އެއްބަސްވުމާ ހިލާފުވުން ކަމަށް ކަނޑައަޅައިދިނުމުގެ އިތުރުން އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތަން އެފްއޭއެމް އަށް އަމުރު ކޮށްދޭން އެ ކުންފުނިން ކޯޓުގައި އެދުނެވެ.
އޭގެ އިތުރުން ބިމުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑަޅައިދިނުމަށްވެސް އެދިފައިވެއެވެ.
އެ މައްސަލައިގައިވާ ގޮތުން ދަނޑުގެ ބިމުން ބައެއް ދިނުމަށް ފަހު، އެ ތަނުގައި އިމާރާތެއް ހަދަން އެފްއޭއެމުން އެއްބަސްވެފައިވަނީ އެ އެސޯސިއޭޝަންގެ ޓާފު ދަނޑުގެ ދެކުނުގައިވާ ކުނިތައް ނަގާ ސާފު ކުރުމަށާއި ޗޭންޖިން ރޫމެއް ހެދުމުގެ މުގާބިލުގައެވެ.
އެކަންކަން ހިމަނައިގެން އެ ކުންފުންޏަށް ސްޓޭޑިއަމުން 2،700 އަކަފޫޓު ބިމެއް އެފްއޭއެމުން ދީފައިވަނީ 25 އަހަރަށެވެ. އެ މަސައްކަތުގެ މުގާބިލްގައި އެ އެ ބިން ދީފައިވަނީ އެއްވެސް ކުއްޔަކާ ނުލައެވެ.
އެކަމުގައި އެފްއޭއެމްއިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އޮއްޕޮ، ފުޓުބޯޅައަށް ހިދުމަތް ކުރަން އިސްކޮށް، ބިމުގެ ބޭނުން އެފްއޭއެމްއަށް ހިފޭ ގޮތަށް އަމަލުކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ބިމުގެ އަސްލު ބޭނުން ކަމަށްވާ ފުޓުބޯޅަ ކުރިއެރުވުމަށް މަގުފަހިވެފައިވާ ކަމަށްވެސް އެފްއޭއެމްއިން ބުނެފައިވެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
ކޮމެންޓް