ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ގްރޫޕް އޭއިން ވ. ފެލިދޫވެސް ސެމީ ފައިނަލް ޔަގީންކުރި އިރު، ގްރޫޕް ބީން ތ. ހިރިލަންދޫވެސް ސެމީ ޔަގީން ކޮށްފިއެވެ.

އަތޮޅު ތެރޭގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަތް ރަށަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުޅެނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ފޮނަދުއާއި ވ. ފެލިދޫގެ އިތުރުން ދެން ހިމެނެނީ ހދ. ހަނިމާދުއާއި ކ. މާފުއްޓެވެ. ގްރޫޕް ބީގައި ގޮއިދޫގެ އިތުރުން ދެން ހިމެނެނީ ތ. ހިރިލަންދުއާއި ކ. ތުލުސްދުއެވެ.

ފެލިދޫން މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބު ކޮށްފައިވާ އިރު، އެ ގްރޫޕުން ލ. ފޮނަދޫވެސް ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ. އެއީ ދެމެޗުން މޮޅުވެގެންނެވެ. ގްރޫޕްގައި ދެން ބާކީ އޮންނާނީ ފޮނަދުއާއި ފެލިދޫ ވާދަކުރާ މެޗެވެ. އެމެޗުން ގްރޫޕްގެ އެއްވަނަ ޔަގީންވާނެއެވެ.

އިއްޔެ ފެލިދޫން މާފުށި ބަލިކުރީ ސީދާ ތިން ސެޓުންނެވެ. ފެލިދޫން މެޗުގެ ސެޓުތައް ގެންދިޔައީ 25-18، 25-11 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ފެލިދޫގެ ޕާކިސްތާން ކުޅުންތެރިޔާ މުރާދު ޖޭހާންއެވެ.

ހިރިލަންދޫން ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ޔަގީންކުރީ ތުލުސްދޫ ކައިރިން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ހިރިލަންދޫ ސެޓުތައް ގެންދިޔައީ 25-20، 25-19 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ހިރިލަންދޫގެ އާފާގް ހާނެވެ.