ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުގައި ވ. ފެލިދޫން ލ. ފޮނަދޫ ބަލިކޮށްފިއެވެ.

އަތޮޅު ތެރޭގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރާއްޖެ ސުޕަ ލީގު ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ހަތް ރަށަކުން ވާދަކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ވަނީ ނިމިފައެވެ. މެޗުތައް ދެ ގްރޫޕަކަށް ކުޅެފައިވާ އިރު، ގްރޫޕް އޭގައި ފޮނަދުއާއި ވ. ފެލިދޫގެ އިތުރުން ދެން ހިމެނެނީ ހދ. ހަނިމާދުއާއި ކ. މާފުއްޓެވެ. ގްރޫޕް ބީގައި ގޮއިދޫގެ އިތުރުން ދެން ހިމެނެނީ ތ. ހިރިލަންދުއާއި ކ. ތުލުސްދުއެވެ.

ރޭގެ މެޗަށް ނުކުތްއިރުވެސް ފޮނަދުއާއި ފެލިދުއަށް އޮތީ ސެމީ ފައިނަލް ޔަގީންވެފައެވެ. ގްރޫޕް އެއްވަނައަށް ކުޅުނު މެޗުގައި ފެލިދޫން ފޮނަދޫ ބަލިކުރީ 3-2 ސެޓުންނެވެ. ފޯރިގަދަކޮށް ފެނުނު މެޗުގެ ފުރަތަމަ ސެޓު ފެލިދޫން 25-19 އިން ގެންދިޔަ އިރު، ދެވަނަ ސެޓު ފޮނަދޫން ގެންދިޔައީ 25-23 އިންނެވެ.

ތިންވަނަ ސެޓުގައި ފެލިދޫން 25-23 އިން މޮޅުވި އިރު، ހަތަރުވަނަ ސެޓު އަނެއްކާވެސް ފޮނަދޫ ގެންދިޔައީ 25-22 އިންނެވެ. ފަސްވަނަ ސެޓަށް މެޗު ގޮސް، ފެލިދޫން މެޗު ކާމިޔާބުކުރީ 15-9 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ފެލިދޫގެ ޕާކިސްތާން ކުޅުންތެރިޔާ މުރާދު ޖޭހާންއެވެ.

ފޮނަދުއާއި ފެލިދޫ ގްރޫޕް އޭއިން ސެމީއަށް ދިޔަ އިރު، އަނެއް ގްރޫޕުން ސެމީއަށް ދިޔައީ ބ. ގޮއިދުއާއި ތ. ހިރިލަންދުއެވެ.

ފެލިދޫން ސެމީގައި ހިރިލަންދުއާ ދެކޮޅަށް ނުކުންނާނީ މާދަމާ ހަވީރު 4:00 ގައެވެ. އަދި ގޮއިދޫން ފޮނަދުއާ ދެކޮޅަށް ނުކުންނާނީ މާދަމާ ރޭ 8:30 ގައެވެ. ސެމީން ބަލިވާ ޓީމު ލޯ މެޑަލް މެޗު ކުޅެން ޖެހޭ އިރު، ފައިނަލް އޮންނާނީ ނުވަ ވަނަ ދުވަހުގެ ރޭގައެވެ.