ރާއްޖެއިން ގަތަރަށް ކަނޑައެޅުއްވި ސަފީރު އާދަމް ޝަރީފް އުމަރު، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ގަޠަރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އާލް ޘާނީއަށް އަރުވައިފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލުސައިލް ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުއްވުމަށްފަހު، އާދަމް ޝަރީފް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ގަތަރުގެ އަމީރަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވާފައެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ އެ ބައްދަލުވުމުގައި އާދަމް ޝަރީފު ވަނީ ރާއްޖޭގެ ތަރައްގީއަށް ގަތަރު ސަރުކާރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އާ އުސްމިންތަކަކަށް ގެންދިއުމަށާއި، މަތީ ފަންތީގެ މަޝްވަރާތައް މެދުވެރިކޮށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ބޭނުންވާކަން އާދަމް ޝަރީފު ވަނީ ފާހަގަކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ގަތަރުގެ އަމީރު ވަނީ އާދަމް ޝަރީފަށް މަރުހަބާ ދަންނަވައި، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އާދަމް ޝަރީފްގެ ދައުރުގައި ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އަމީރު ދެއްވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ގަތަރު ފަދަ މުހިންމު ގައުމެއްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއްކަމަށް އާދަމް ޝަރީފު ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.