އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަން ކުރެއްވި، ގ. ނޫމަރާހިޔާ ތޯރިގު އިބްރާހިމް އާއި ރ. ފައިނު ޗަމަން އާދަމް ޝަރީފު އުމަރު ސަފީރުކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އެކުވެރި އަރަބި އިމާރާތައް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ތޯރިގު އަދި ސްޓޭޓް އޮފް ގަތަރުގައި ހުންނަވާ ރައްޖޭގެ ސަފީރުކަމަށް ޝަރީފް އައްޔަން ކުރައްވައި އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

އެ ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރެއްވީ، ރައީސް މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން ކެބިނެޓުން އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.

ތޯރިގު އިސްތިއުފާ ދެއްވީ ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރުކަމުގެ މަގާމުންނެވެ. ޝަރީފް އިސްތިއުފާ ދެއްވީ ލޯކަލް ގަވަމަންޓް މިނިސްޓަރު ކަމުގެ މަގާމުންނެވެ.

ބައެއް މިނިސްޓާރުންގެ އިސްތިއުފާއާއެކު މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން، މިނިސްޓްރީގެ ތަކުގެ އަދަދު 20 އިން 15 އަށް ވަނީ މަދު ކުރައްވާފައެވެ. އެ ބަދަލުގެ ތެެރެއިން ލޯކަލް ގަވަމަންޓް މިނިސްޓްރީ އުވާލައްވައި ޓޫރިޒަމް އާއި އެންވަޔަރަންމަންޓް ދެބައި ކުރައްވައި ދެ މިނިސްޓްރީއެއްގެ ދަށަށް ވަނީ ބަދަލު ކުރައްވައިފައެވެ.