ކުރީގެ ދެ މިނިސްޓަރުން ކަމުގައިވާ ތޯރިގު އިބްރާހިމް އާއި އާދަމް ޝަރީފު އުމަރު ސަފީރުންގެ ގޮތުގައި އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯރުމުގެ މައްސަލަ ސަރުކާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ ތޯރިގު އިބްރާހީމް އައްޔަން ކުރައްވަން ނިންމަވާފައިވަނީ އެކުވެރި އަރަބި އިމާރާތް، ޔޫއޭއީއަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް ކަމަށެވެ. ތޯރިގު ވަނީ މި ސަރުކާރުގެ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާބެހޭ މިނިސްޓަރުގެ މަގާމާއި ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ މިނިސްޓަރު މަގާމު އަދާކުރައްވާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި މިނިސްޓަރުކަން ކުރައްވާފައިވާ އާދަމް ޝަރީފް އުމަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ދިވެހިރާއްޖޭން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށެވެ. އާދަމް ޝަރީފް މީގެ ކުރިން ހުންނެވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރުކަމުގެ މަގާމުގައެވެ.

ތޯރިގު އާއި އާދަމް ޝަރީފް ވަޒީރުކަމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް ގެންނަން ބޭނުންފުޅުވި ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ދެ ބޭފުޅުން ވަޒީރުކަމުން އިސްތިއުފާ ދެއްވުމުން ހާރިޖީ ވުޒާރާގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ދެ ބޭފުޅުންވެސް ވަނީ އައްޔަން ކުރައްވާފައެވެ.