މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި އިންނެވި ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ގަވަމެންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފު (މުންދު) "ވަން" އަށް މިރޭ ވިދާޅުވީ އެ ތިން ބޭފުޅުންވެސް އެ މަގާމަށް އައްޔަންކުރައްވާފައިވާ ކަމަށެވެ. ނަމަވެެސް އެ ތިން ބޭފުޅުން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ތަފާތު ތިން ތާރީހެއްގައިކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ތިން ބޭފުޅުން ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކޮށްފައިވަނީ ހުސްވެފައިވާ ސަފީރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ކަމަށެވެ.

އޭގެ ތެރެއިން ބައެއް ބޭފުޅުން މިހާރު މަސައްކަތައް ނުކުންނަވަން ފަށައިފައިވާކަމަށްވެސް މުންދު ވިދާޅުވިއެވެ.

ސަރުކާރުގެ 10 މިނިސްޓަރުން މިމަހުގެ 10 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވިއިރު އޭގެ ތެރޭގައި އާދަމް ޝަރީފާއި ތޯރިގު ހިމެނިވަޑައިގަންނަވަ އެވެ.