މިފަހަރު ވޯލްޑް ކަޕްގައި ގިނަ ބަޔަކު ހައިރާންކޮށް ރަނގަޅު ނަތީޖާތަކެއް ހޯދި ކުޑަކުޑަ ގައުމު ކަމަށްވާ ކޭޕް ވާޑްގެ ކޯޗުކަމުގައި ހުރި، ޕެޑްރޯ ބްރިޓޯ، ބޫބިޝްޓާ މޮރޮކޯގެ ކްލަބެއް ކަމަށްވާ ރެނަސެންސް ބާކޭންއާ ހަވާލުވެއްޖެއެވެ.
ވޯލްޑް ކަޕްގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނު ވާހަކައަކީ ކޭޕް ވާޑްގެ ތާރީހީ ދަތުރުގެ ވާހަކައަށެވެ. މުބާރާތުގެ ތަށި ނުނެގި، ގަދަ 32 އިން ކަޓައިގެން ދިޔަ ނަމަވެސް ކޭޕް ވާޑް ދިޔައީ ފުޓުބޯޅަ ސަޕޯޓަރުންގެ ހިތްތައް ފަތަހަކޮށްފައެވެ. މުބާރާތުގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެ 3-2 ގެ ނަތީޖާއަކުން ބަލިވެ، ކޭޕް ވާޑްގެ އާދަޔާހިލާފު ދަތުރު ނިމުމަކަށް އައި ނަމަވެސް، އެ ބައްޔާއެކުވެސް ކުޅުންތެރިންގެ މޫނުމަތިން ފެނުނީ ފަހުރުވެރިކަމެވެ.
އާބާދީގައި ގާތްގަނޑަކަށް 500,000 މީހުން ދިރިއުޅޭ ކޭޕް ވާޑަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުވުމަކީވެސް އަމިއްލަ ޒާތުގައި ވަރަށް ބޮޑު ކާމިޔާބީއެކެވެ. އެފްރިކާ ބައްރުގެ ކޮލިފައިންގައި ވަރުގަދަ އެތައް ޓީމެއް ފަހަތަށް ޖައްސާލުމަށްފަހު އެ ޓީމުން މުބާރާތުން ޖާގަ ހޯދީ ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހުއެވެ. ކޭޕް ވާޑަކީ ވޯލްޑް ކަޕްގައި ކުޅުނު ތިންވަނައަކަށް އެންމެ ކުޑަ ގައުމެވެ.
ކޭޕް ވާޑުން ގްރޫޕް ސްޓޭޖުގައި ސްޕެއިނާއި އުރުގުއާއީއާވެސް އެއްވަރުކުރި އިރު، އެޓީމުން ގަދަ 32 އަށް ދިޔައީ ސައުދީ އަރަބިއްޔާއާވެސް އެއްވަރުކޮށް ތިން ޕޮއިންޓް ހޯދައިގެންނެވެ. އެ ކާމިޔާބީގެ ފަހަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ބޫބިޝްޓާއެވެ.
ހަބަރުތައް ބުނީ ބޫބިޝްޓާ އަދި ކޭޕް ވާޑްގެ ވަޒީފާ ދޫކޮށް ނުލާ ނަމަވެސް، މޮރޮކޯ ކްލަބާއެކު މަސައްކަތް ފެށުމަށްފަހު އެ ވަޒީފާ ދޫކޮށްލާނެ ކަމަށެވެ. އުމުރުން 56 އަހަރުގެ ބޫބިޝްޓާ ބާކޭންއާ ހަވާލުވެ، އެކަން އިއުލާނުވެސް ކޮށްފައިވާ އިރު، އެ ކްލަބަކީ މިދިޔަ ސީޒަނުގައި މޮރޮކޯ ލީގުގެ ދެވަނައެވެ.
ބާކޭންއިން ވަނީ މިދިޔަ ސީޒަނުގެ އެފްރިކަން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައިވެސް ވާދަކޮށްފައެވެ. އަދި އަންނަ ސީޒަނުގައިވެސް އެ ކްލަބުން އެ މުބާރާތުގައި ކުޅޭނެއެވެ.
ބޫބިޝްޓާއަކީ މިދިޔަ އަހަރު އެފްރިކާގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ހޮވުނު ކޯޗެކެވެ. އޭނާއަށް އެ މަގާމު ލިބުނީ ކޭޕް ވާޑްގެ ކާމިޔާބާއެކުގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް