ދެކުނުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ބުނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީކުށުގެ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލައިގެ ތުހުމަތުގައި މި މަހުގެ ދެ ވަނަ ދުވަހު 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ގްރޭޑް ދިހައެއްގައި ތައުލީމު ހާސިލުކުރަމުންދާ މި ކުއްޖާ ރޭޕްކޮށްފައި އޮއްވައި ފެނިފައިވަނީ އެ ރަށުގައި ހުރި ފަޅު ގެއެއްގެ ތެރެއިންނެވެ.

ފުލުހުންގެ ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.