ކުނި ވަކިނުކޮށް އެއްކޮށްގެން ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް ގެންނަ ފަރާތްތަކަށް ހިދުމަތް ނުދޭން ނިންމާފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ވެމްކޯއިން މިއަދުކުރި އިއުލާނެއްގައި ބުނީ، މުޅި ރާއްޖޭގެ ނިސްބަތުން ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 ޕަސަންޓަކީ ތިލަފުށީ ފެސިލިޓީއަށް ގެންނަ ކުނި ކަމަށާއި، އެތަނަށް ގެންދާ ކުނި ހުންނަންވާނީ ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ވަކިކޮށްފައި ކަމަށެވެ.

ނަމަވެސް ގިނަ ކަސްޓަމަރުން ގެންނަ ކުނި ހުންނަނީ ވަރަށް ބޮޑަށް އެއްކޮށްފައި ކަމަށާއި، އޭގެ ސަބަބުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް ވެމްކޯއިން ބުންޏެވެ. ހާއްސަކޮށް ދާދިފަހުން ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާ މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީވެސް ކުނި ވަކިނުކޮށް އެއްކޮށްގެން ގެންނަ މައްސަލަކަމަށް ވެމްކޯއިން ބުންޏެވެ.

ތިލަފުށި ފެސިލިޓީއަށް ގެންދާ ކުނި ހުންނަން ޖެހެނީ ގާކުންޏާއި، ބޮޑެތި ކުންޏާއި، އެހެނިހެން ކުނި ހިމެނޭހެން ތިން ބަޔަކަށް ވަކިކޮށްފައިކަމަށް ވެމްކޯއިން ބުންޏެވެ. އޭގެ ތެރެއިންވެސް އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުނި ހުންނަންވާނީ އެހެން އެއްވެސް ބާވަތެއްގެ ކުންޏަކާ އެއްނުވާނޭހެން މުޅިން ވަކިންކަމަށް ވެމްކޯއިން ބުންޏެވެ.

އެގޮތަށް ކުނި ވަކިކުރުމަކީ މުވައްޒަފުންނާއި މުދަލުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިއްމު ކަމެއްކަމަށް ވެމްކޯއިން ބުންޏެވެ.

މީގެ އިތުރުން، ކުނި ވަކިނުކޮށް ގެންނަ ފަރާތްތަކަށް ތިލަފުށީ ފެސިލިޓީން ހިދުމަތް ފޯރުކޮށްނުދޭނެ ކަމަށާއި، އުސޫލާ ހިލާފުވާ އުޅަނދުފަހަރުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކުރާނެކަމަށްވެސް ވެމްކޯއިން ބުންޏެވެ.

ކުނި އުފުލާ އުޅަނދުފަހަރަށް ކުނި ބަރުކުރާއިރު އެންމެ ފުރަތަމަ ބޮޑެތި ކުނި، ދެން އެހެނިހެން ކުނި އަދި އެންމެ ފަހުން ގާކުނި ބަރުކުރާ ގޮތަށް އަމަލުކުރުމަށްވެސް ވެމްކޯއިން ބުންޏެވެ.