ޔޫކްރެއިންގެ ވެރިރަށް ކީވްއާއި އެ ގައުމުގެ އެހެން ސަރަހައްދުތަކަށް ރަޝިޔާއިން ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި މަދުވެގެން ނުވަ މީހަކު މަރުވެއްޖެއެވެ. ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވި ގޮތުގައި، ރޭގަނޑު ދިން މި ހަމަލާތަކުގައި 30 މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާއިން ފޮނުވާލި 27 ބެލިސްޓިކް މިސައިލްގެ ތެރެއިން ޔޫކްރެއިންގެ ސިފައިންނަށް ވައްޓާލެވުނީ އެންމެ މިސައިލެކެވެ. ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި، ގިނަ މިސައިލްތައް ދިފާއު ނުކުރެވުނީ އެމެރިކާއިން އުފައްދާފައިވާ 'ޕޭޓްރިއަޓް' ވައިގެ ދިފާއީ ނިޒާމަށް ބޭނުންވާ އިންޓަސެޕްޓަރުތައް މަދުވުމުގެ ސަބަބުންނެވެ. އަދި ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތަކަށް ނުތަކާ ވަރަށް ރަޝިޔާއިން ހަމަލާދެމުންދާ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
ޔޫކްރެއިންގެ ސްޓޭޓް އިމަޖެންސީ ސަރވިސްއިން ބުނި ގޮތުގައި، ހަމަލާތަކުގެ ސަބަބުން ކީވްގެ ފަސް އަވަށެއްގެ މީހުން ދިރިއުޅޭ އިމާރާތްތަކަށާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނު ދަރްނިޓްސްކީ އަވަށުން އެކަނިވެސް ހަތް މީހުން މަރުވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
މިއީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންނަށް ދިން މިފަދަ ދެވަނަ ބޮޑު ހަމަލާއެވެ. ޒެލެންސްކީ ވަނީ ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަކުރުމަށް ބޭނުންވާ ހަތިޔާރު ލަސްނުކޮށް ފޯރުކޮށްދިނުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައެވެ.
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ޔުކްރެއިން
ކޮމެންޓް