ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ކ. ގާފަރު ކައިރިއަށް ދިޔަވެ އަޑިއަށް ދިޔުމުގެ ސަބަބުން، އޭގެއިން ސަލާމަތްކުރި 8 މީހުން ގާފަރަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 08:48 އެހައިކަންހާއިރު ކަމަށެވެ.

ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރަމުން ދިޔައީ 10 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އެ ހާދިސާގައި ގެއްލިފައެވެ. އެއީ ދެ ބިދޭސީންނެވެ. އެ ދެ ބިދޭސީން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ސަލާމަތްކުރި އަށް މީހުންގެ ތެރެއިން ދެ މީހުންނަކީ ދިވެހިންނެވެ.

އެ 10 މީހުން ގާފަރަށް ގެންގޮސްފައިވަނީ މިއަދު ހަވީރެވެ. މިވަގުތު އެ މީހުން ތިބީ އެ ރަށުގެ ގެސްޓްހައުސްއެއްގައެވެ.

މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަނޑުމަތީގެ ނުރައްކާތެރި އެހެން ހާދިސާއެއްވެސް މިއަދު ވަނީ ހިނގާފައެވެ. އެގޮތުން މާފުށީ ބޭރުގައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް ފަރުމައްޗަށް ލައްވެ، ވަނީ ފުނޑު ފުނޑުވެފައެވެ.