ޗެލްސީ ޔުކްރެއިން ވިންގް، މިހައިލޯ މުޑްރީކްގެ ހަތަރު އަހަރުގެ ސަސްޕެންޝަނުން އޭނާ ސަލާމަތްވެއްޖެއެވެ.

އުމުރުން 25 އަހަރުގެ މުޑްރީކް، އެންމެފަހުން މެޗެއް ކުޅެފައި ވަނީ 2024 ވަނަ އަހަރު ނޮވެމްބަރު މަހުގައެވެ. އެއީ މަނާ ބޭހަށް ޕޮސިޓިވްވެ، ހަތަރު އަހަރަށް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ. މުޑްރީކް ފުރަތަމަ ވަގުތީ ގޮތުން ސަސްޕެންޑް ކުރީ ޑިސެމްބަރު 2024 ވަނަ އަހަރުއެވެ. އޭގެފަހުން ޖޫން 2025 ގައި މުޑްރީކްގެ މައްޗަށް މައްސަލަ އުފުލައި، އިނގިރޭސި އެފްއޭއިން ވަނީ އޭނާ ހަތަރު އަހަރަށް ސަސްޕެންޑް ކުރަން ނިންމައިފައެވެ.

އެ މައްސަލައިގައި މުޑްރީކް ރަސްމީކޮށް ސަސްޕެންޑް ކުރީ މިދިޔަ އަހަރު ޖޫން މަހުގައި ނަމަވެސް، އޭނާގެ ސަސްޕެންޝަން ގުނަން ފެށީ ޑިސެމްބަރު 2024 އިންނެވެ. އެހެންކަމުން އޭރު އޮތް ގޮތުން މުޑްރީކަށް ދެން އަނބުރާ ފުޓުބޯޅައަށް ނުކުމެވެން އޮތީ ޑިސެމްބަރު 2028 ގައެވެ.

މުޑްރީކް ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައިފައެވެ. އެ މައްސަލައިން މުޑްރީކް ސަލަމާތްވީ އޭނާގެ ސާމްޕަލްއިން މެލްޑޯނިއަމް ފެނުނު އިރު، އެކަން ކުރި ކަމަށް އެއްބަސްވުމުންނެވެ. އެކަމަށް މުޑްރީކް އެއްބަސްވެ، އަދަބަށްވެސް އެއްބަސްވުމުންނެވެ. ކާސްއިން ނިންމީ މިހާރު ފުރިހަމަ ކުރެވިފައިވާ ސަސްޕެންޝަނަކީ އެކަށީގެންވާ މުއްދަތެއް ކަމަށެވެ.

މުޑްރީކަށް ކުޅެވޭ ގޮތް ވުމާއެކު އޭނާ އަސަރާއެކު ބުނެފައި ވަނީ ކެރިއަރުގެ އެންމެ ހިތްދަތި ދުވަސްތައް ނިމުން ވެގެންދާނީ ލިބޭ ތަފާތު އުފަލަކަށް ކަމަށެވެ. އަދި މަނާ ބޭސް ބޭނުން ކުރެވުނީ އެނގިގެން ނޫން ކަމަށާއި، ކުރިންވެސް ހުރިހެން އަބަދުވެސް ޑިސިޕްލިންއާއެކު ކުރިއަށްދާން ހުރި ކަމަށްވެސް މުޑްރީކް ބުންޏެވެ.

ޗެލްސީން ބުނީ މުޑްރީކް މެޗު ފިޓްނަސްއަށް ގެންނަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށާއި، ޕްރި ސީޒަންގެ ތަމްރީނުތަކާ ވަގުތުން ގުޅޭނެ ކަމަށެވެ.

މުޑްރީކް، 2023 ވަނަ އަހަރު ޖެނުއަރީ މަހު ޗެލްސީއާ ގުޅުނީ 61 މިލިއަން ޕައުންޑްގެ އަގަކަށެވެ.