ފީފާ ފޯވާޑް އެންޓަޕްރައިސް (އެފްއެފްއީ)ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ ސަބްސިޑަރީ އިންވެސްޓަމަންޓް ޕްލޭނަކީ ފުޓުބޯޅަ ވިއްކާލާ ޕްލޭނެއް ނޫން ކަމަށާއި، އެ ޕްލޭން ހުށަހެޅުން މަޑު ޖައްސާލަން ނުވިސްނާ ކަމަށް ފީފާއިން ބުނެފިއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހަޅާފައިވާ އެފްއެފްއީގެ ޕްލޭނަކީ، ފީފާގެ މުބާރާތްތަކަށް އިވެންޓްމަންޓް ހޯދައި، މުބާރާތްތަކުގެ ހިއްސާ ވިއްކުމުގެ ޕްލޭނެކެވެ. އެ ޕްލޭނުގެ ދަށުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު އިވެންޓް، ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމުގެ ފުރުސަތުވެސް އެބައޮތެވެ.

ޖުމުލަ 20 އަކަށް ބިލިއަން ޑޮލަރުގެ އެ ޕްލޭންގެ ދަށުން އިންވެސްޓަރުންނަށް ފީފާގެ މުބާރާތްތަކުގެ ހިއްސާ ގަތުމަށް ފުރުސަތު އޮންނަ އިރު، އެ ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުންހުރި ޕްލޭނެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުވެސް ކޮށްފައެވެ.

ޓްރަމްޕްގެ ޕްލޭނަށް މިހާތަނަށް ޔޫއެފާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެއެވެ. އަދި މެމްބަރު 55 ގައުމުން އެކަމަށް ތާއިދު ނުކުރާނެ ކަމަށް ބުނެ ބަޔާން ނެރެފައިވެއެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ފީފާއިން ކުރިއަށްދާނަމަ ވޯލްޑް ކަޕް ބޮއިކޮޓް ކުރަންވެސް ނިންމާފައިވެއެވެ.

އެކަމުގައި އޭއެފްސީންވެސް ބުނެފައި ވަނީ މަޝްވަރާއަކާ ނުލައި އެކަން ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އުތުރު އެމެރިކާއާއި މެދުތެރޭ އެމެރިކާގެ ގައުމުތައް ތަމްސީލުކުރާ ކޮންކަކަފްގެ 41 ގައުމަކުންވެސް ވަނީ ފާޅުގައި އެ ޕްލޭނަށް ދެކޮޅު ހަދައިފައެވެ.

"އަހަރެމެން އިހުތިރާމްކުރަން ފާޅުކުރާ ހިޔާލު. އެހެން ނަމަވެސް ޑިމަކްރެޓިކް އުސޫލާއި ހަމައަށް ފުރުސަތު ދޭން ޖެހޭނެ. ހުށަހަޅަން ތައްޔާރުވެފައިވާ ޕްލޭން ހުށަހަޅާނަން. އަދި އެކަމަށް މެމްބަރު ގައުމުތަކުގެ ވޯޓާއެކު ގޮތެއް ނިންމަން ޖާގަ ދޭނަން. އެއްވެސް މީހަކު ނޫޅޭ ފުޓުބޯޅަ ވިއްކާލާކަށް. އެއީ ފީފާއިން ބަލައިގަންނާނެ ކަމެއްވެސް ނޫން،" ފީފާއިން ބުންޏެވެ.

އެފްއެފްއީގެ ޕްލޭން ފާސްކުރުމަށް 211 ގައުމުގެ ވޯޓު ބޭނުންވާ އިރު، އެ ޕްލާނާއެކު މިހާރު އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 15 މިލިއަން ޑޮލަރުގެ ފަންޑިންއެއް ލިބޭ ކުދި ގައުމުތަކަށް 40 މިލިއަން ޑޮލަރަށް ފަންޑިން އެއް ދޭން ފީފާއިން ވަނީ ވައުދުވެފައެވެ. އެހެންކަމުން އެ ޕްލޭން އިންފަންޓީނޯ ބޭނުންވާ ގޮތަށް ފާސްކުރުން ގާތް ކަމަށް ނޫސްތައް ބުނެއެވެ.