އީރާނުގެ ހުޅަނގު އުތުރުގައިވާ ޒަންޖާން ޕްރޮވިންސަށް އެމެރިކާއިން މިއަދު ދިން ހަމަލާއެއްގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ)ގެ ތިން މެންބަރަކު މަރުވެއްޖެ އެވެ.

އީރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މީހުން މަރުވީ ޒަންޖާން ޕްރޮވިންސުގައި ހަރަކާތްތެރިވާ އައިއާރްޖީސީގެ "އަންސާރުލް މަހްދީ" ގޮފީގެ މެންބަރުންނަށް އަމާޒުކޮށް އެމެރިކާއިން ދިން ހަމަލާއެއްގައެވެ. އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެމެރިކާއިން ދިން ރަހުމުކުޑަ ހަމަލާއެއް ކަމަށެވެ.

މި ހަމަލާގައި މަރުވި ތިން މީހުންނަކީ މަހްމޫދު މުއްލާޖަބާރީއާއި، މުހައްމަދުރިޒާ ޗެރާގީގެ އިތުރުން ޖަމާލް އަމީރީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އައިއާރްޖީސީން ބުނި ގޮތުގައި މި މީހުން މަރުވީ އީރާނުގެ ސަރަހައްދީ ރޮނގާއި ރައްޔިތުން ދިފާއުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

މި ހަމަލާއަކީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އެމެރިކާއިން ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށް ހަބަރުތައް ބުނެއެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވަނީ އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން، އީރާނުގެ ދެކުނުގައި އޮންނަ ގޭޝްމް ރަށަށް އެމެރިކާއިން ދިން އެހެން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު މަރުވެފައިވާ ކަމަށް އީރާނުގެ ފާރސް ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ވަކިވަކި ހާދިސާތަކުގެ ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.